ދުނިޔެ

ޗައިނާއަށް ޖާސޫސްކޮށްދިން ޓައިވާންގެ 8 ސިފައިން ޖަލަށް

ޗައިނާއަށް ޖާސޫސްކޮށްދިން ކަމުގެ ކުށުގައި ޓައިވާންގައި އަށް ސިފައިން 13 އަހަރަށް ޖަލަށް ލައިފި އެވެ. ޖަލު ހުކުމް އިއްވި ސިފައިންގެ ތެރޭގައި، ވަޒީފާގައި މިހާރު ދެމިތިބި ސިފައިންނާޢި އިސްތިއުފާދީފައި ތިބި ސިފައިން ވެސް ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ސިފައިންގެ މައްޗަށް ތަހުގީގު ހިންގީ 2022 ގައި އެ މީހުންގެ ފަރާތުން އާދަޔާ ޚިލާފު އަމަލުތަކެއް ފެނިގެންނެވެ. އަދި މީގެ ތެރެއިން ބައެއް ސިފައިން ސީދާ ޗައިނާއިން ތަމްރީންކުރިކަން ތަހުގީގަށް އެނިގިފައިވާ ކަމަށް ވެސް ޓައިވާންގެ ނޫސްތަކުން ބުނެ އެވެ.

މި ނެޓްވޯކް ފުޅާކުރުމަށް ފައިސާގެ މުއާމަލާތް ކޮށްފައި ހުރިކަން ވެސް ވަނީ އެނގިފަ އެވެ. އެއީ ޓައިވާންގެ އަސްކަރީ ރޭވުންތައް ހުރި ގޮތް، އަސްކަރީ ގޯތިތެރެއިން ހޯދުމަށްކަން ވަނީ އެނގިފަ އެވެ.

ކޯޓުގެ ލިޔެކިޔުންތަކަށް ހަވާލާދީ ނޫސްތައް ބުނާ ގޮތުން ޗައިނާ ސިފައިން ޓައިވާނަށް އަރައިގެންފި ނަމަ، އާމާންދިނުމަށް ފަހު ޗައިނާ ސިފައިނާ ބައިވެރިވުމަށް ވެސް ބައެއް ސިފައިން ވަނީ ކޮންޓްރެކްޓް ހަދާފަ އެވެ.

ޓައިވާން ބުނާ ގޮތުން މި ނެޓްވޯކްގައި އަދި އިތުރު ސިފައިން ތިބެދާނެ އެވެ. މިހެންކަމުން، ސިފައިންގެ ތެރެ ބަލާފާސްކޮށް އަދި ސިފައިންގެ އަމަލުތައް ވަކިވަކިން ބަލަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

ޗައިނާ އާއި ޓައިވާންއާ ދެމެދު މިފަހުން ވަނީ އަސްކަރީ ހަމަނުޖެހުންތަކެއް ހިނގާފަ އެވެ. ޓައިވާން ވަށާލައި ޗައިނާ ކަނޑުގެ ސިފައިން މަނަވަރުތަކާ އެކު ވަނީ ފޮރިމަރާފަ އެވެ. އަދި ޓައިވާންއާ ވަރަށް ކައިރީގައި ޗައިނާގެ ފައިޓަރު ނެޓްތައް ވެސް ވަނީ މުގޯލިއަޅާފަ އެވެ.

ޗައިނާ ގަބޫލްކުރާ ގޮތުގައި ޓައިވާން އަކީ ވަކިން އޮންނަ ޗައިނާގެ އަވަށެކެވެ. ޓައިވާންގައި އޮންނަން ޖެހޭނީ ޗައިނާއަށް ކޮންޓްރޯލް ކުރެވޭ ވެރިކަމެއް ކަމަށް ވެސް ޗައިނާ ބުނެ އެވެ.

ވަކި ސަރުކާރަކުން ޓައިވާން ހިންގި ނަމަވެސް އޮންނަން ވާނީ ޗައިނާގެ މައި ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ޗައިނާ ބުނެ އެވެ.

ޓައިވާން އާއި ޗައިނާއާ ދެމެދު މިފަހުން އުފެދުނު ހަމަނުޖެހުންތަކުގެ އަސްލަކީ އެމެރިކާ އެވެ. ޓައިވާންގެ އަސްކަރިއްޔާ ބާރުގަދަކޮށްދިނުމުގެ ނަމުގައި އެމެރިކާއިން ދަނީ ޓައިވާނަށް ޒަމާނީ އަތިޔާރު ފޯރުކޮށްދެމުންނެވެ.

އެމެރިކާގެ މި އަމަލީ ވައިނާގެ "ވަން ޗައިނާ ޕޮލިސީ" އާ ޚިލާފު އަމަލެއް ނަމަވެސް، މިކަން ހުއްޓާކަށް އެމެރިކާ ނޫޅެ އެވެ. އެމެރިކާ ބޭނުންވަނީ ޓައިވާނަށް އޭތިމީތި ދީގެން ޗައިނާ ރުޅިއަރުވާށެވެ.