ދުނިޔެ

ޓައިވާންގައި އެމެރިކާ ސިފައިން އެބަ ތިބި: ޓައިވާން

އެމެރިކާ އަސްކަރިއްޔާގެ ޚާއްސަ ފައުޖެއް ޓައިވާންގައި ގާއިމުވެ ތިބި ކަމަށް ޓައިވާންގެ ޑިފެންސް އޮތޯރިޓީގެ ވެރިޔާ ޗިއޫ ކޯ ޗެންގް ވިދާޅުވެއްޖެ އެވެ.

އެމެރިކާ ސިފައިންގެ މަސައްކަތަކީ ޓައިވާން ސިފައިން ތަމްރީންކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިފެންސް އޮތޯރިޓީގެ ވެރިޔާ ޗިއޫ ކޯ ޗެންގް މިހެން ވިދާޅުވީ ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނޫސްވެރިން ހުށަހެޅި ސުވާލަކީ ޓައިވާންގައި ބޭރު ގައުމެއްގެ ސިފައިން ތިބިކަން ސާފުކޮށްދެއްވުމަށް ހުށަހެޅި ސުވާލެކެވެ.

ޓައިވާންގައި ބޭރު ގައުމެއްގެ ސިފައިން -- އެމެރިކާ ސިފައިން ތިބި ކަމަށް ހަބަރު ނޫސްތަކުން އެ ދައްކަނީ ތެދު ވާހަކައެއްތޯ ސުވާލުކުރުމުން ޗިއޫ ވިދާޅުވީ އެއީ ތެދެއް ކަމަށެވެ. އަދި އެއީ އެމެރިކާގެ އަސްކަރިއްޔާގައި ހިމެނޭ އެކަމަކު ހާއްސަ ތަމްރީންތަކެއް ހަދައިގެން ތިބި ސިފައިން ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމެރިކާ ސިފައިން ޓައިވާންގައި ތިބުމުގެ ބޭނުމަކީ ޓައިވާންގެ އަސްކަރިއްޔާ ހޭލުންތެރިކުރުވުމާއި ބޭރުން އަތުވެދާނެ ހަމަލާއަކަށް ތައްޔާރުވުން ކަމަށެވެ.

ޓައިވާންގައި އެމެރިކާ ސިފައިން ދާއިމަށް ގާއިމުވެ ތިބޭނެ ކަމަށް އެމެރިކާގެ އަސްކަރީ ނޫސްތަކުން ބުނެ އެވެ. އެއީ ޓައިވާންގެ ހާއްސަ ފައުޖުތައް ތައްޔާރީ ހާލަތުގައި ބޭތިއްބުމަށް ކަމަށްވެސް ވަނީ ބުނެފަ އެެވެ.

ޓައިވާން ދެކޭ ގޮތުގައި އެ މީހުންނަށް މިނިވަން ދައުލަތެއްގެ ޝަރަފް ލިބެން ޖެހެ އެވެ. ނަމަވެސް ޓައިވާން އަކީ މިނިވަން ގައުމެއް ކަމަށް އދ އިން އަދި ކަނޑައަޅާފައެއް ނުވެ އެވެ.

ޗައިނާ ގަބޫލުކުރަނީ ޓައިވާން އަކީ އެ ގައުމުގައި ވަކިން އޮންނަ އެ ގައުމުގެ ބައެއް ކަމަށެވެ. ވަކި ވެރިކަމަކުން -- ރައީސް އާއި ނައިބް ރައީސް އަދި ބޮޑުވަޒީރު ހޮވުމަކީ އެންމެ ރަނގަޅު ގޮތް ކަމަަށް ޗައިނާ ބުނެ އެވެ. ނަމަވެސް މިނިވަންކަން އިއުލާންކޮށް ވަކި ގައުމެއްގެ ޝަރަފު ހޯދަން ނޫޅުމަށް ޗައިނާއިން އޮތީ ޓައިވާނަށް އިންޒާރުދީފަ އެވެ.

އެމެރިކާ ސިފައިން ޓައިވާންގައި ތިބޭ ތިބުމާ މެދު ޗައިނާ ވަަރަށް ކަންބޮޑުވެ އެވެ. އެމެރިކާގެ ބޭނުމަކީ ޗައިނާއާ ވާދަކުރެވޭ ފެންވަރުގެ އަސްކަރިއްޔާއެއް ޓައިވާންގައި ގާއިމުކުރުމެވެ.

ޗައިނާގެ މައްޗަށް އަސްކަރީ ގޮތުން ބާރު ފޯރުވޭ ވަރުގެ ގާބިލުކަން ޓައިވާނަށް ހޯދައި ދިނުމަކީ އެމެރިކާ ވެފައި އޮތް ވައުދެކެވެ.