ދުނިޔެ

ޗައިނާއިން ޖާސޫސީ މަރުކަޒެއް ކިއުބާގައި ހަދަނީ، އެމެރިކާ ހާސްކަމުގައި

ކިއުބާގައި އިލެކްޓްރޯނިކް ޖާސޫސީ މަރުކަޒެއް ބިނާކުރުމަށް ޗައިނާ އާއި ކިއުބާއާ ދެމެދު ސިއްރު އެއްބަސްވުމެއްގައި ސޮއިކޮށްފި ކަމަށް ވޯލް ސްޓްރީޓް ޖާނަލުން ބުނެފި އެވެ.

މި އެއްބަސްވުމުގެ ދަށުން ކިއުބާއަށް ގޮތް ނޭނގޭ އެހީތަކެއް ވުމަށް ޗައިނާ އެއްބަސްވެފައިވާ ކަމަށްވެސް އެ ނޫހުން ބުނެ އެވެ.

ޗައިނާ އާއި ކިއުބާއާ ދެމެދު އެއްބަސްވެވޭ ގޮތަކަށް ކިއުބާގެ ފަސްގަނޑަށް ނިސްބަތްވާ ސަރަހައްދެއްގައި ބިނާކުރެވޭ ޖާސޫސީ މަރުކަޒަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެމެރިކާއަށް ޖާސޫސްކުރުމަށް -- އެމެރިކާގެ ހަރަކާތްތައް ބެލުމަށް އަޅާ މަރުކަޒެކެވެ.

އެމެރިކާގެ ފްލޮރިޑާއާ 100 މޭލު ދުރުގައި ބިނާކުރާ ޖާސޫސީ މަރުކަޒުން، އެމެރިކާގެ މުދާއުފުލާ ބޯޓުފަހަރާއި އަސްކަރީ ބޯޓުފަހަރު އުޅޭ ނޫޅޭ ގޮތް ބަލާނެ އެވެ. އަދި އެމެރިކާގެ ސިއްރު މައުލޫމާތުތައް ދަމައިގަތުމަށްޓަކައި އިލެކްޓްރޯނިކް މެގްނެޓިކް ކޮމިއުނިކޭޝަން ނިޒާމްތަކަށް ވަދެގަންނާނެ އެވެ.

ދުނިޔޭގައި އެމެރިކާއިން ހަންފަތުރައި ބާރުތައް މުށުތެރެއަށް ލުމަށް އަމަލުކުރަމުން ގެންދާ ސިޔާސަތުތައް އޮބިއޮންނަވަރު ނުވުމުން ޗައިނާއިން މިވަނީ އެމެރިކާ މައިތިރިކުރާނެ ގޮތްތަކެއް ފަށާފަ އެވެ.

ވައިޓް ހައުސްގެ ގައުމީ ރައްކާތެރިކަމާ ބެހޭ މުޝީރު ކޯން ކާބީ ވިދާޅުވި ގޮތުގައި، ޗައިނާއިން ދަނީ ދުނިޔޭގެ ބައްރުތަކުގައި އިލެކްޓްރޯނިކް ޖާސޫސީ މަރުކަޒުތައް ބިނާކުރަމުންނެވެ.

މަރުކަޒުތަކާ ބެހޭ ތަފުސީލު މައުލޫމާތު ލިބިފައި ނެތް ނަމަވެސް -- ޖޯން ކާބީ ވިދާޅުވި ގޮތުގައި -- އެމެރިކާ އޮންނާނީ "ހައި އެލާޓް" -- ދެލޯ ތަންމިނަށް ހުޅުވައިގެންނެވެ.

ވޯލް ސްޓްރީޓް ޖާނަލުން މި ޚަބަރު ޝާއިއުކުރިއެއް ކަމަކު ޗައިނާ އަދި ކިއުބާއިންވެސް މި ޑީލާ ގުޅުން ހުރި އެއްވެސް މައުލޫމާތެއް ތަފުސީލުކޮށެއް ނުދެ އެވެ. އަދި މިއީ ކުރެވެމުންދާ މަސައްކަތްތަކެއް ކަންވެސް ބުނެ ނުދެ އެވެ.

ޗައިނާ ގަބޫލުކުރާ ގޮތުގައި އެމެރިކާއިން ދަނީ ޓައިވާން މެދުވެރިކޮށް ޗައިނާއަށް ފާރަލަމުންނެވެ. ޗައިނާގެ އުޅަނދުފަހަރު -- ދެކުނު ޗައިނާ ކަނޑުގައި އުޅޭ ނޫޅޭ ގޮތް ދަނީ ބަލަމުންނެވެ. އަދި ޗައިނާގެ އަސްކަރިއްޔާގެ ހަރަކާތްތައްވެސް އެމެރިކާއިން ދަނީ ބަލަމުންނެވެ. ސެޓެލައިޓު މެދުވެރިކޮށާއި ޓައިވާންގައި އިލެކްޓްރޯނިކް ނިޒާމުތައް ބަހައްޓައިގެންނެވެ.