ދުނިޔެ

ޓައިވާން މިނިވަންވަންޏާ ކުރަން ޖެހޭނީ ހަނގުރާމަ: ޗައިނާ

ޓައިވާން އަކީ ޗައިނާގެ ބައެއް ކަމަށާއި މިނިވަންވުމަށޭ ކިޔާފައި އަމިއްލައަށް ވަކިވެގަތުމަށް ވަކާލާތުކުރާނަމަ އޮތީ ހަނގުރާމަ ކަމަށް ޗައިނާ ސަރުކާރުގެ ތަރުޖަމާން ޗެން ބިންވާ ވިދާޅުވެއްޖެ އެވެ.

ވަކި ވެރިކަމެއް އޮންނަ ގޮތަށް ވަކި ސަރުކާރަކުން ޓައިވާން ހިންގުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެނެކޭ ކިޔާފައި ޗައިނާގެ ބާރު ނުހިނގާ ގައުމެއް ގޮތަށް ވަކިވެގަތުމަށް ނުފޫޒުގަދަ ގައުމުތަކުގެ އެހީތެރިކަމަށް ގޮވާނަމަ ބާރުގެ ބޭނުންކޮށްގެން ނަމަވެސް ޗައިނާގެ ދަށަށް ޓައިވާން ގެންދާނެ ކަމަށެވެ.

ތަރުޖަމާން މި މޭރުމުން ވާހަކަދެއްކެވިި ސަބަބަކީ އަންނަ އަހަރު ޓައިވާންގައި އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕޭންކުރުމުގައި ކެންޑިޑޭޓުން ގެންގުޅުއްވާ އިންޒާރީ ބަސްތަކަށް ރައްދު ދެއްވުމެވެ.

ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ތެރޭގައި ބައެއް ކެންޑިޑޭޓުން ދައްކާ ވާހަކައަކީ ޓައިވާން މިނިވަންކުރުމުގެ ވާހަކަ އެވެ. ޓައިވާން އަކީ އެ ގައުމުގެ ސިޔާސީ ލީޑަރުން ދެކޭ ގޮތުގައި މިނިވަން ދައުލަތެކެވެ.

ނަމަވެސް އދ ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ޓައިވާންއަށް މިނިވަން ގައުމެއްގެ ދަރަޖައެއް ނުދެ އެވެ. މިނިވަން ދައުލަތެކޭ ކިޔަނީ އެ މީހުން އަމިއްލަ ހިތްހަމަޖެހުމަށާއި ޗައިނާގެ ނުފޫޒުން އެއްކިބާވުމަށެވެ.

ތަރުޖަމާން ވިދާޅުވީ ޓައިވާން އެދޭ މިންވަރަށް މިނިވަންވެވެން އޮތް ހަމައެކަނި ގޮތަކީ ހަނގުރާމަކޮށް ޗައިނާގެ ކިބައިން ގަދަވެގަތުމެވެ. އެނޫން ގޮތަކަށް މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދަން ޓައިވާނަށް ލާހިކު ނޫން ކަމަށް ވިދާޅުވި އެވެ.

ޓައިވާން އަކީ ޗައިނާ ދެކޭ ގޮތުގައި ވަކިން އޮންނަ އެ ގައުމުގެ ބައެކެވެ. ޗައިނާއަށް ނިސްބަތް ނުވާނެ ޓައިވާނެއް ނުގެނެވޭނެ ކަމަށްވެސް ޗައިނާ އިން ބުނެ އެވެ.

ޓައިވާންގެ ވިސްނުމަކީ އެމެރިކާގެ އެހީތެރިކަމާ އެކު ޗައިނާގެ ނުފޫޒުން ވަކިވެގަތުމެވެ. އަމިއްލަ ދައުލަތެއް ގާއިމުކުރުމަށްޓަކައި އަސްކަރިއްޔާ ވަރުގަދަކުރުމާއި އިގުތިސާދު ވަރުގަދަކުރުމަށް ޓައިވާން މިހާރު އޮތީ ފޫގަޅާފަ އެވެ.

ޗައިނާގެ ކިބައިން ޓައިވާން ސަލާމަތްކުރުމަށް އެމެރިކާއިން ވެދޭ އެހީތެރިކަމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށް ޗައިނާ އިން ބުނެ އެވެ.

އެމެރިކާއިން މިފަދައިން ހިންގާ ކޮންމެ އަމަލަކީ ޗައިނާ ރުޅިއެރުވުމަށް ކުރާ ކަމެއް ކަމަށްވެސް ޗައިނާ ދެކެ އެވެ. އަދި އެއީ އެމެރިކާ ބަލައިގެންފައި އޮތް ވަން ޗައިނާ ސިޔާސަތާ ފުށުއަރާ ކަމެއް ކަމަށްވެސް ޗައިނާ ބުނެ އެވެ.