އަބްދުﷲ ޝާހިދު

ޝާހިދުގެ ޕޮޑްކާސްޓް: ސައިންސްގެ ދާއިރާގައި އުޅޭ އަންހެނުންނަށް

Feb 11, 2022

ސައިންސްގެ ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ އަންހެނުންނަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ޝާހިދު މިކަމަށް ގޮވާލެއްވީ އދ. އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރިއަށް ގެންދަވާ ސިލްސިލާ ވީޑިއޯ ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުންނެވެ.

މިއަދަކީ ސައިންސްގެ ދާއިރާގައި މަސައްކަތް ކުރާ އަންހެނުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ދުނިޔޭގައި ފާހަގަކުރާ "ވިމެން އިން ސައިންސް ޑޭ" އެވެ.

ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދެވި ޕޮޑްކާސްޓްގައި ޝާހިދު ވިދާޅުވީ ސްކޮޓްލޭންޑްގެ ގްލާސްގޯގައި މިދިޔަ އަހަރު ނިމުނު ކޮޕް ސަމިޓުގައި އަންހެން ސައިންޓިސްޓުންތަކަކާ އެކު ކުރިއަށް ގެންދެވި ބައްދަލުުވުމެއްގައި އެ ދާއިރާ އިން ކުރިއަށް ދިއުމަށް ހުރި ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކާ ކުރިމަތިލައި އެ މީހުން ކާމިޔާބު ހޯދި ގޮތް ހިއްސާަކުރެއްވި ކަމަށެވެ.

އަންހެނުންނަށް ކަންކަމުގައި ކުރިއަށް ދިއުމަށް އަދިވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަންހެނަކަށް ވީތީ ކަމެއް ނުވެދާނެ ކަމަށް ބައެއް މީހުން ދެކޭ ގޮތް ބަދަލުކޮށް، އަންހެނުންނަށް ވެސް ކަންކަން ކުރެވޭނެ ކަން ސާބިތުކޮށްދޭން ކުރަންޖެހޭ މަސައްކަތް ކަމަށެވެ. ސައިންސްގެ ދާއިރާގައި ވެސް އަންހެނުންނާ މެދު އެ ވިސްނުން އޮތުމުން އެންމެން ގުޅިގެން އެފަދަ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"އުއްމީދު ކުރަނީ އެ ގޮންޖެހުންތައް އެންމެން ގުޅިގެން ނައްތާލެވިދަނެ ކަމަށް" ޝާހިދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދަކީ ސައިންސްގެ ދާއިރާގައި މަސައްކަތް ކުރާ އަންހެނުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ދުނިޔޭގައި ފާހަގަކުރާ ދުވަސް ކަމަށްވީ ނަމަވެސް އެމަނިކުފާނު ބޭނުންފުޅުވަނީ މިހިނގާ ފެބްރުއަރީ މަސް އެއްކޮށް އެ މައްސަލަ އަށް ހާއްސަކުރުމަށް ކަމަށެވެ.

"ސައިންސްގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުމަށްޓަކައި ކުރަންވީ އިތުރު މަސައްކަތްތަކާއި ރަނގަޅުކުރަންވީ ކަންކަމުގައި މަޝްވަރާތައް ކުރަންޖެހޭ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ ވީޑިއޯ ޕޮޑްކާސްޓް ކުރިއަށް ގެންދެވީ ކެނެޑާގެ ފުރަތަމަ އަންހެން އެސްޓްރޮނޯޓް އަދި ނިއުރޮލޮޖިސްޓް ރޮބާޓޭ ބޮންޑާއާ އެކު އެވެ. ޕޮޑްކާސްޓްގައި އުމުރުން 76 އަހަރުގެ ރޮބާޓޭ ބޮންޑާ ވަނީ ސައިންސްގެ ދާއިރާ އަށް އޭނާ ޝައުގުވެރިވީ ގޮތާއި ކުރިމަތިވި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ.