އެޗްޑީސީ

ހުޅުމާލޭގައި ޕެޓްރޯލް ޝެޑެއް ހެދުމަށް ހުޅުވާލައިފި

Feb 11, 2022

ހުޅުމާލޭގައި އިތުރު ޕެޓްރޯލް ޝެޑެއް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެޗްޑީސީން ކޮށްފއިވާ އިއުލާނެއްގައި ބުނެފައިވަނީ ޕެޓްރޯލް ޝެޑް ހެދުމަށް ނިންމާފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސިނާއީ ސަރަހައްދުގައި ކަމަށެވެ.

ޝެޑް ހެދުމަށް ފުރުސަތު ދޭން ނިންމާފައިވަނީ ހަމައެކަނި ދިވެހި ކުންފުނިތަކަށެވެ. ކަމާ ގުޅޭ މައުލޫމާތު ދިނުމަށް މިމަހު 17 ވަނަ ދުވަހު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ބިޑް ހުށަހެޅުމާއި ހުޅުވުން އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހު ކަމަށް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި މިވަގުތު ވެސް ދެ ޕެޓްރޯލް ޝެޑް ހިންގަ އެވެ. އެއީ ވިލާ ގުރޫޕުން ހިންގާ ތަނަކާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހިންގާ ތަނެކެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް ޕެޓްރޯލް ޝެޑެއް ހެދުމަށް ބޭނުންވާތީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިދިޔަ މަހު އެޗްޑީސީން އެ ފުރުސަތު ހުޅުވާލި އެވެ.

ޕެޓްރޯލް ޝެޑް ހެދުމަށް ދެވަނަ ފިޔަވަހީގައި 7،327 އަކަފޫޓުގެ ބިމަކާއި 10،179 އަކަފޫޓުގެ ބިމެއް ހާއްސަކޮށްފައިވެ އެވެ.