ރަޝިއާ އިން ޔުކްރޭނަށް ހަމަލާތަކެއް ދީފާނެ ކަމަށް ބެލެވޭތީ ޔުކްރޭންގައި މިވަގުތު ދިރިއުޅޭ ދިވެހިންގެ ހާލަތު ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ
އަވަސް އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ޔުކްރޭންގެ ހާލަތު ވަރަށް ކައިރިން ބަލަމުންދާ ކަމަށެވެ. އަދި ދިވެހި ކުދިންގެ ކަންކަން ވެސް މިނިސްޓްރީން ބަލަމުންދާ ކަމަށެވެ.
ޔުކްރޭންގައި 50 އަށް ވުރެ ގިނަ ދިވެހި ދިރިއުޅެމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ. އޭގެތެރޭގައި ގިނައީ ކިޔަވާ ކުދިންނެވެ.
ރަޝިއާއި ހުޅަނގުގެ ބާރުތަކާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގައި ރަޝިއާ އިން ޔުކްރޭނަށް ހަމަލާތަކެއްދީ އެ ގައުމަށް އަރައިގެންފާނެ ކަމަށް ހުޅަނގުގެ މީޑިއާތަކުން ދަނީ ކެނޑިނޭޅި ރިޕޯޓްކުރަމުންނެވެ.
ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ގެންދަނީ ޔުކްރޭންގައި ތިބި އެހެން ގައުމުތަކުގެ މީހުން މިވަގުތު ޔުކްރޭނުން ފޭބުމަށްވެސް އިލްތިމާސް ކުރަމުންނެވެ.
އެމެރިކާ އިން މިދިޔަ ހުުކުރު ދުވަހު ވަނީ އެ ގައުމުގެ ރައްޔިތުން 48 ގަޑިއިރުގެ ތެރޭގައި ޔުކްރޭނުން ފައިބަން އަންގާފަ އެވެ.
އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކުރިއަށް އޮތް ބުދަ ދުވަހު ރަޝިއާ އިން ޔުކްރޭނަށް ހަމަލާތަކެއް ދިނުމަކީ ވަރަށް ކައިރި ކަމެކެވެ.
ރަޝިއާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެ ރަޝިއާގެ ފައުޖުތައް މިވަގުތު ތިބީ ރަޝިއާ އާއި ޔުކްރޭން ގުޅޭ ބޯޑަރުގައި ހަނގުރާމަވެރި ހާލަތުގަ އެވެ. ރަޝިއާ ސިފައިން ދަނީ އެ ސަރަހައްދުގައި ހާއްސަ ތަމްރީންތަކެއް ވެސް ހަދަމުންނެވެ.
ރަޝިއާ އިން ޔުކްރޭނަށް ހަމަލާދީ އެ ގައުމު ހިސޯރުކުރަން އުޅޭ ކަމަށް އެމެރިކާ އިން ފަތުރާ ހަބަރުތައް ރަޝިއާ އިން ދަނީ ދޮގުކުރަމުންނެވެ.