ރަޝިއާގެ ކުރުސްކް ސަރަހައްދުގައި ހަނގުރާމައިގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެސަރަހައްދުގައި ދިރިއުޅެމުންދާ ދިވެހިން ރައްކާތެރިކަމާއި ސަލާމަތްތެރި ކަމަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދިނުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ފޮރިން މިނިިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނި ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމައިގައި ދިވެހި ދަރިވަރުން ތިބި ސަރަޙައްދެއް ކަމަށްވާ ކުރުސްކް މިވަގުތު އޮތީ ނުރައްކާތެރި ޙާލަތެއްގައި ކަމަށެވެ. އެހެންވެ ކުރުސްކް ސަރަހައްދުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ހާލު ގާތުން ބަލަމުންދާ ކަމަށް ފާހަގަކޮށްފައިވެ އެވެ.
ކުރުސްކް ސަރަހައްދުގައި ހަނގުރާމަ ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާތީ މިދަނޑިވަޅުގައި ކުރުސްކްގައި ދިރިއުޅޭ ދިވެހީންނާއި އަދި އެކި ބޭނުންތަކުގައި އެސަރަހައްދަށް ދަތުރުކުރާ ދިވެހީންވެސް އަމިއްލަ ސަލާމަތަށް އިސްކަންދިނުމަށް މިނިސްޓްރީން އެދިފައިވެ އެވެ.
ކުރުސްކް ސަރަހައްދަށް ކުރިމަތިވެފައިވާ ނުރައްކަލުގެ މިދަނޑިވަޅުގައި އެ ސަރަހައްދުގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް އެހީތެރިކަމެއް ބޭނުންވާނަމަ އެކަން ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީއަށް އެންގުމަށްވެސް ބަޔާނުގައިވެ އެވެ.
ރަޝިއާ ޔޫކްރެއިން ހަނގުރާމައިގައި ކުރުސްކް ސަރަހައްދަށް ޔުކްރެއިން ސިފައިން ކުއްލި ހަމަލާތަކެއް ދީ ކުރުސްކްގެ ބައެއް އަވަށްތައް ހިފާފައިވާއިރު އެއީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މެޑިސިން ކިޔަވަމުންދާ ސަރަހައްދެއް ކަމަށްވެ އެވެ.
ރަޝިއާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން އެ ދެ ގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް މީގެ ކުރިންވެސް ފޮރިން މިނިސްޓްރީން އެދިފައިވެ އެވެ. އެ ދެ ގައުމުގައި ހިނގަމުންދާ ހަނގުރާމައިގައި އެއްވެސް ދިވެއްސަކަށް މިހާތަނަށް އަނިޔާއެއް ލިބިފައިވާ ކަމަށް އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.