ދިވެހި ދަރިވަރުން ތިބި ސަރަހައްދުތަކަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނަ ކަމަށް ރަޝިޔާ އަދި ބެލަރޫސް އިން ބުނެފި އެވެ.
އެ ދެ ގައުމުން މިހެން ބުނެފައިވަނީ ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ގައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުން ރާއްޖެ ގެނައުމަށް ފޮރިން މިނިސްޓްރީން މަސައްކަތް ކުރަމުން ދަނިކޮށެވެ. އެ ގައުމުތަކުގައި ތިބި ދަރިވަރުންގެ ތެރެއިން މެޑިސިން ކޯސް ހަދާ ދަރިވަރުން ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާއިރު އެކަން ކުރެވެން އޮތީ އެ ދަރިވަރުންގެ ކިޔެވުން އޮންލައިން ކޮށް ކުރިއަށް ގެންދާނަމަ އެވެ. އެ ނޫން ހާލަތެއްގައި ރާއްޖެ ގެނެސްފިނަމަ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާނެ އެވެ.
ނަމަވެސް ރަޝިޔާ އާއި ބެލަރޫސްގައި ހިންގަމުންދާ މެޑިސިން ކޯސްތަކުގެ ކްލާސްތައް އޮންލައިންކޮށް ހިންގަން ޖެހޭ ހާލަތެއް އަދި ނެތް ކަމަށް ދިވެހި ދަރިވަރުން ކިޔަވަމުންދާ ޔުނިވާސިޓީތަކުން ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރީން މިރޭ ބުނީ ބެލަރޫސްގެ ޔުނިވާސިޓީތަކުން ބާލިންގައި ހުންނަ ދިވެހި އެމްބަސީއަށް މައުލޫމާތު ދީފައިވާ ގޮތުގައި ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދެވޭނީ އެގައުމުގެ ހެލްތު މިނިސްޓްރީ އަދި އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިގެން ނެވެ. ކައިރި މުސްތަގުބަލެއްގައި ކްލާސްތައް އޮންލައިންކުރުމުގެ ވިސްނުމެއް ބެލަރޫސް ސަރުކާރުގެ ނެތް ކަމަށް ކަމަށްވެސް ވަނީ އަންގާފައެވެ. އަދި ދަރިވަރުން ބެލަރޫސްގައި ތިބޭ އިރު ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ޔުނިވާސިޓީތަކުން ޔަގީން ކޮށްދޭ ކަމަށްވެސް ޔުނިވާސިޓީތަކުން ދިވެހި ސަރުކާރަށް އަންގާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ރަޝިޔާގެ ޔުނިވާސިޓީތަކުންވެސް ވަނީ ދިވެހި ދަރިވަރުން ތިބި ސަރަހައްދުތަކަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނާތީ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ނުފެންނަ ކަމަށް ބުނެފައެވެ.