ޔުކްރޭން އިން ހަންގޭރީއަށް ދިޔަ ހުރިހާ ދިވެހިން މިއަދު ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.
ޔުކްރޭނާއި ރަޝިޔާއާ ދެމެދު ފަށައިފައިވާ ހަނގުރާމައާއި ގުޅިގެން، ޔުކްރޭނުގައި ތާށިވެފައިވާ ހުރިހާ ދިވެހިން ސަރުކާރުގެ އެހީގައި މިހާރު ވަނީ އެގައުމުން ގޮސްފަ އެވެ. އެގޮތުން ގިނަ ދިވެހިން އެ ގައުމުގެ ބޯޑަރު ހުރަސްކޮށް ގޮސްފައި ވަނީ ހަންގޭރީއަށެވެ.
ހަންގޭރީގައި މިހާރު ތިބި ޔުކްރޭންގައި ކިޔަވަމުން ދިޔަ ދިވެހި ހަ ދަރިވަރުންގެ އިތުރުން ތިން ދަރިވަރުންގެ އާއިލާ މިހާރު ރާއްޖެ އައުމަށް ފުރާފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ. މިއަދުގެ ވަގުތެއްގައި އެމީހުން ރާއްޖެ އަންނާނެ އެވެ.
މިނިސްޓްރީ އިން ބުނީ ރަޝިޔާގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުން ރާއްޖެ އަންނަ ބޭނުންވާނަމަ ސަރުކާރުން އެކަން ހަމަޖައްސައިދޭނެ ކަމަށެވެ. ރަޝިޔާގައި އެންމެ ގިނަ ދިވެހި ދަރިވަރުން ކިޔަވަމުން އަންނަނީ ކުސްކް ސްޓޭޓް މެޑިކަލް ޔުނިވާސިޓީގައިކަން ފާހަގަކުރަމުން މިނިސްޓްރީން ބުނެފައި ވަނީ އެތަނުގައި އޮންލައިން ކްލާސްތައް ފަށައިފާނެ ކަމުގެ އުންމީދެއް މިހާރު ލިބިފައިވާ ކަމަށެވެ.
ހަނގުރާމަވެރި ސަރަހައްދުގައި އޮތް ބެލަރުސްގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންނަށް ވެސް ރާއްޖެ އަންނަން ބޭނުންނަމަ ފައިސާގެ އެހީ ދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މިނިސްޓްރީ އިން ބުނީ އެގައުމުގައި ކިޔަވަމުން ދާ ދަރިވަރުންގެ ތެރެއިން ހަ ދަރިވަރަކު ރާއްޖެ އަންނަން ބޭނުންވާތީ، އެމީހުން ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ސަރުކާރުން ފަށައިފައިވާ ކަށެވެ. އެމީހުންނަށް މި ހަފްތާ ރާއްޖެ އާދެވޭނެ އެވެ.
ބެލަރުސްގައި ދަރިވަރުން ކިޔަވަމުން އަންނަ ތިން ސިޓީއެއްގައި ކިޔަވައިދެމުން އަންނަނީ ދަރިވަރުން ޔުނިވާސިޓީއަށް ހާޒިރުކޮށްގެންނެވެ. ދިވެހި ސަރުކާރުން އެ ޔުނިވާސިޓީތަކާ ވާހަކަދައްކާފައިވާއިރު، އެތަންތަނުން ބުނެފައި ވަނީ ރަޝިޔާ އާއި ޔުކްރޭންގެ ހަނގުރާމައިގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ މިހުރިހާ ދަރިވަރުންގެ ހާލަތު ވެސް މިނިސްޓްރީ އިން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. ޔޫކްރޭގައި 50 އަކަށް ކުދިން ކިޔަވަމުންދާއިރު، 30 ދަރިވަރުން ހަނގުރާމަ ފެށުމުގެ ކުރިން ރާއްޖެ ވަނީ އައިސްފަ އެވެ. ދެން ތިބި ދަރިވަރުންގެ ތެރެއިން 21 ދަރިވަރަކު މިދިޔަ ހޯމަ ދުވަހު ވަނީ ރާއްޖެ އައިސްފަ އެވެ. ރާއްޖެ އައި ދަރިވަރުންނާ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި މިއަދު އަންނަ ދަރިވަރުންނާ ވެސް މިނިސްޓަރު ބައްދަލުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.