ޔޫކްރޭންގެ އިވަނޯ-ފްރެންކިވްސްކް ގައި ތިބި 15 ދަރިވަރުން ހަންގޭރީއަށް ހިނގައްޖެ އެވެ. އެކަން ބައެއް ދަރިވަރުން ވަނީ ޔަގީން ކޮށްދީފައެވެ.
ޔޫކްރެއިންގަައި ހަނގުރާމަ ފެށި ނުރައްކާވެފައިވާތީ ގަައުމުގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ރެެއާ ހަމައަށް އެ ގައުމުން ބޭރުނުވެ ތިބީ 20 ދަރިވަރުންނެވެ
.
އެ ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ދެމުން ފޮރިން މިނިސްޓްރީން މިރޭ ބުނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަންގޭރީގެ ފޮރިން މިނިސްޓަރާ ގުޅުއްވައި ޔޫކްރެއިންގައި ތިބި ދިވެހިން ރައްކާތެރިކަމާއެކު ހަންގޭރީއަށް ގެންދިޔުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި ހަންގޭރީގެ ފުރިހަމަ އެއްބާރުލުން ދިވެހިންނަށް ލިބޭނެކަމުގެ ޔަގީންކަން އެ ގައުމުން ދީފައިވާ ކަމަށެވެ.
ދަރިވަރުންނަށް ހަންގޭރީއަށް އެތެރެވުނީ ދެ ގައުމުގެ ސަރުކާރުން ކުރި މަސައްކަތުންނެވެ. މި ދަރިވަރުން ދެ ދުވަސްތެރޭ ރާއްޖެ އަންނާނެ އެވެ.
މިވަގުތުވެސް ޔޫކްރޭންގެ ހަރްކީވްގައި 8 ދިވެހިން އެބަތިއްބެވެ. އެ މީހުންވެސް ޔޫކްރެއިންގެ ހުޅަނގަށް ގެންދިޔުމަށް ދަނީ މަސައްކަތް ކުރަމުންދާ ކަމަށާ އެހެންނަމަވެސް އެއީ ވަރަށް ދުރު ހިސާބެއްކަމުން އަދި ހާލަތު އޮތް ގޮތުން އެކަމުގައި ދަތިތަކެއް އެބަހުރި ކަމަށް މިނިސްޓްރީން ބުންޏެވެ. ހަރްކީވްގައި ބާކީ ތިބި 8 މީހުންގެ ތެރެއިން ފަސް ދަރިވަރުންނަކީ އަމިއްލަ އެކި ސަބަބުތަކާ ހުރެ ކުރިން ނުފުރުނު ދަރިވަރުން ކަމަަށާ ބާކީ ތިބި ތިން މީހުންގެ އާއިލާ ޔޫކްރެއިންގައި ތިބިކަން ބާލިންގައި ހުންނަ ދިވެހި އެމްބަސީއަށް އަންގާފައިވަނީ އިއްޔެ ކަމަަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
އަދި ނިޕްރޯގައި ހުރި ދަރިވަރުވެސް ހަންގޭރީ ބޯޑަރު ސަރަހައްދަށް ގެނައުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށާ ފޮރިން މިނިސްޓްރީއިން ދަނީ ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް އެ ސަރަހައްދުގެ އެކި ގައުމުތަކާއެކު ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށްވެސް ބުންޏެވެ.