ފޮރިން މިނިސްޓްރީ

ޔޫކްރޭންގައި ތިބި 15 ދަރިވަރަކަށް ހަންގޭރީއަށް ދެވޭނެ ގޮތް ވެއްޖެ

ޔޫކްރޭންގެ އިވަނޯ-ފްރެންކިވްސްކް ގައި ތިބި 15 ދިވެހިން މިވަގުތު ތިބީ ޔޫކްރެއިންއާ ހަންގޭރީ ބޯޑަރާއި ކައިރީގައި ހުންނަ ހަންގޭރީ ކޮންސިއުލޭޓްގައި ކަމަށާ އެ މީހުންނަށް ބޯޑަރު ހުރަސްކޮށް ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކުރުމުގެ އިންތިޒާމް ހަންގޭރީ ސަރުކާރާއި ގުޅިގެން ދިވެހި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ދެންމެ ބުނެފި އެވެ.

ޔޫކްރެއިންގަައި ހަނގުރާމަ ފެށި ނުރައްކާވެފައިވާތީ ގަައުމުގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ރެެއާ ހަމައަށް އެ ގައުމުން ބޭރުނުވެ ތިބީ 20 ދަރިވަރުންނެވެ
.
އެ ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ދެމުން ފޮރިން މިނިސްޓްރީން ބުނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަންގޭރީގެ ފޮރިން މިނިސްޓަރާ މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ގުޅުއްވައި ޔޫކްރެއިންގައި ތިބި ދިވެހިން ރައްކާތެރިކަމާއެކު ހަންގޭރީއަށް ގެންދިޔުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި ހަންގޭރީގެ ފުރިހަމަ އެއްބާރުލުން ދިވެހިންނަށް ލިބޭނެކަމުގެ ޔަގީންކަން އެ ގައުމުން ދީފައިވާ ކަމަށެވެ.

ޔޫކްރޭންގެ އިވަނޯ-ފްރެންކިވްސްކް ގައި ތިބި 15 ދިވެހިން މިވަގުތު ތިބީ ޔޫކްރެއިންއާ ހަންގޭރީ ބޯޑަރާއި ކައިރީގައި ހުންނަ ހަންގޭރީ ކޮންސިއުލޭޓްގައި ކަމަށާ އެ މީހުންނަށް ބޯޑަރު ހުރަސްކޮށް ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކުރުމުގެ އިންތިޒާމް ހަންގޭރީ ސަރުކާރާއި ގުޅިގެން ދިވެހި ސަރުކާރުން ހަމަޖައްސާފައިވާއިރު ބުޑަޕެސްޓަށް ދިޔުމަށްފަހު ދެ ދުވަހުގެ ތެރޭގައި ދިވެހިން ރާއްޖެ އަންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިވަނޯ-ފްރެންކިވްސްކްގައި ކިޔަވަން ތިބި ދަރިވަރުންނަށް ކުރިން ނުފުރުނީ އެ ދަރިވަރުންގެ ކްލާސްތައް އޮންލައިން ކްލާސްތަކަށް ޔުނިވާސިޓީއިން ބަދަލުކުރިތަނާ މާ ގިނަ އިރުތަކެއް ނުވެ އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެންނެވެ.

މިވަގުތުވެސް ޔޫކްރޭންގެ ހަރްކީވްގައި 8 ދިވެހިން އެބަތިއްބެވެ. އެ މީހުންވެސް ޔޫކްރެއިންގެ ހުޅަނގަށް ގެންދިޔުމަށް ދަނީ މަސައްކަތް ކުރަމުންދާ ކަމަށާ އެހެންނަމަވެސް އެއީ ވަރަށް ދުރު ހިސާބެއްކަމުން އަދި ހާލަތު އޮތް ގޮތުން އެކަމުގައި ދަތިތަކެއް އެބަހުރި ކަމަށް މިނިސްޓްރީން ބުންޏެވެ. ހަރްކީވްގައި ބާކީ ތިބި 8 މީހުންގެ ތެރެއިން ފަސް ދަރިވަރުންނަކީ އަމިއްލަ އެކި ސަބަބުތަކާ ހުރެ ކުރިން ނުފުރުނު ދަރިވަރުން ކަމަަށާ ބާކީ ތިބި ތިން މީހުންގެ އާއިލާ ޔޫކްރެއިންގައި ތިބިކަން ބާލިންގައި ހުންނަ ދިވެހި އެމްބަސީއަށް އަންގާފައިވަނީ އިއްޔެ ކަމަަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

އަދި ނިޕްރޯގައި ހުރި ދަރިވަރުވެސް ހަންގޭރީ ބޯޑަރު ސަރަހައްދަށް ގެނައުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށާ ފޮރިން މިނިސްޓްރީއިން ދަނީ ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް އެ ސަރަހައްދުގެ އެކި ގައުމުތަކާއެކު ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށްވެސް ބުންޏެވެ.