ރަޝިއާ އިން ޔުކްރޭނަށް ހަމަލާތަކެއް ދީފާނެ ކަމަށް ބެލެވޭތީ ޔުކްރޭނަށް މިވަގުތު ދިވެހިން ދަތުރު ނުކުރުމަށް ފޮރިން މިނިސްޓްރީއިން އަންގައިފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ޔުކްރެއިންގެ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުން އެ ގައުމަށް ދަތުރު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި ޔުކްރެއިންގައި މިވަގުތު ދިރިއުޅެމުންދާ ދިވެހިން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ވެސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
ޔުކްރޭންގައި 50 އަށް ވުރެ ގިނަ ދިވެހި ދިރިއުޅެމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ. އޭގެތެރޭގައި ގިނައީ ކިޔަވާ ކުދިންނެވެ. އެކުދިންގެ ހާލު މިނިސްޓަރު އަބްދުﷲ ޝާހިދު ވަރަށް ގާތުން ބައްލަވަމުން އަންނަ ކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.
"ޔުކްރެއިންގައި މިވަގުތު ތިބި ދިވެހި ރައްޔިތުން މި މިނިސްޓްރީ އާއި އެ ގައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓާ ކުރުމަށް ވެސް އިލްތިމާސްކުރަން،" މިނިސްޓްރީ އިން ބުންޏެވެ.
ރަޝިއާއި ހުޅަނގުގެ ބާރުތަކާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގައި ރަޝިއާ އިން ޔުކްރޭނަށް ހަމަލާތަކެއްދީ އެ ގައުމަށް އަރައިގެންފާނެ ކަމަށް ހުޅަނގުގެ މީޑިއާތަކުން ދަނީ ކެނޑިނޭޅި ރިޕޯޓްކުރަމުންނެވެ. ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ގެންދަނީ ޔުކްރޭންގައި ތިބި އެހެން ގައުމުތަކުގެ މީހުން މިވަގުތު ޔުކްރޭނުން ފޭބުމަށްވެސް އިލްތިމާސް ކުރަމުންނެވެ.
ރަޝިއާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެ ރަޝިއާގެ ފައުޖުތައް މިވަގުތު ތިބީ ރަޝިއާ އާއި ޔުކްރޭން ގުޅޭ ބޯޑަރުގައި ހަނގުރާމަވެރި ހާލަތުގަ އެވެ. ރަޝިއާ ސިފައިން ދަނީ އެ ސަރަހައްދުގައި ހާއްސަ ތަމްރީންތަކެއް ވެސް ހަދަމުންނެވެ.
ރަޝިއާ އިން ޔުކްރޭނަށް ހަމަލާދީ އެ ގައުމު ހިސޯރުކުރަން އުޅޭ ކަމަށް އެމެރިކާ އިން ފަތުރާ ހަބަރުތައް ރަޝިއާ އިން ދަނީ ދޮގުކުރަމުންނެވެ