އެމެރިކާ އިސްވެެ ޔުކްރޭނަށް އަޔަން ޑޯމް މިސައިލް ޑިފެންސް ސިސްޓަމް ސަޕްލައި ކުރަން ކުރި މަސައްކަތް ކޮޅެއްގައި ނުޖެހި ފޭލިވެއްޖެ އެވެ.
އަޔަން ޑޯމް އަކީ އެމެރިކާ އާއި އިޒްރޭލު ގުޅިގެން އުފައްދާފައިވާ އަސްކަރީ ފެންވަރުގެ ދިފާއީ ނިޒާމެކެވެ. މިނިޒާމް އެހެން ގައުމެއްގައި ބެހެއްޓެން އޮންނަ ޝަރުތަކީ އެމެރިކާ އާއި އިޒްރޭލު އެކައްޗެއް ކިޔުމެވެ.
އަޔަން ޑޯމް ނިސްބަތްވާ ދެ ގައުމުން ކުރެ ގައުމަކުން ނުރުހިއްޖެ ނަމަ އެހެން ގައުމެއްގައި މިނިޒާމެ ބެހެއްޓޭ ގޮތެއް ނޯވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭންގައި އަޔަން ޑޯމް ބެހެއްޓުމަކީ އިޒްރޭލު ވަރަށް ދެކޮޅު ކަމެއްކެވެ. އެއީ ރަޝިއާއާއެކު އޮތް ބަދަހި ގުޅުން ހީނަރުވެ ކަނޑައިނގެން ހިނގައިދާނެ ކަމަށް ބިރުންނެވެ.
ޔުކްރޭންގައި އަޔަށް ޑޯމް ބަހައްޓަން އެމެރިކާ ވިސްނަން ފެށި ހިސާބުން ވެސް އިޒްރޭލު ދެކޮޅުހެދި ކަމަށް ޚަބަރުތައް ބުނެ އެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އުފައްދާފައި ހުރި އަސްކަރީ ދަރަޖައިގެ އެއްވެސް އާލާތެއް ޔުކްރޭނަށް ފޯރުކޮށް ދިނުމަކީ އިޒްރޭލު ރުހޭ ކަމެއް ނޫން ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.
ރަޝިއާ ސިފައިން ދެ ގައުމު ގުޅުނު ސަރަހައްދަށް ޖަމާވާން ފެށުމާއެކު އެމެރިކާ އާއި އިނގިރޭސިން އަދި ޔޫރަޕުން ބުނީ ރަޝިއާ އެއުޅެނީ ޔުކްރޭން ހިފަން ކަމަށެވެ.
ޔުކްރޭންގެ ބައެއްގެ ގޮތުގައި ކުރިން އޮތް ކްރައިމިއާއަށް ރަޝިއާ ސިފައިން 2014 ގައި އަރައި ޖަހައިގަތީ ވެސް އަސްކަރީ ފައުޖުތައް ވަށާލުމަށް ފަހު ކަމަށެވެ.
އެހެން ނަމަވެސް ރަޝީއާ ބުނީ ޔުކްރޭން ހިފަން ނޫޅޭ ކަމަށާއި މައްސަލައަކީ ނޭޓޯ ގައުމުތަކުގެ ސިފައިން ރަޝިއާއާ މާގާތުގައި ތިބުން ކަމަށެވެ.
ރަޝިއާ ބުނި ގޮތުން ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ދިނުމަކީ ވެސް ރަޝިއާއަށް ވަރަށް ބޮޑު ނުރައްކަލެކެވެ. މިފަދަ ކަމެއް ނުކުރާނެ ކަމަށް އެމެރިކާ ބުނެފި ނަމަ ރަޝިއާ ސިފައިން އެނބުރި ގެއަށް ދާނެ ކަމަށް ވެސް ރަޝިއާ އޮތީ ބުނެފަ އެވެ.