ދިވެހި ސަރުކާރުން އަޅަން އިއުލާންކޮށްފައިވާ ފުރަތަމަ ސަބްމެރިން ކޭބަލް، އިންޑިއާގެ މަޝްހޫރު ކުންފުނި -- ރިލަޔަންސް ޖިއޯ ކުންފުންޏާ ގުޅިގެން އަޅަން ތައްޔާރުވެއްޖެ އެވެ.
ރިލަޔަންސް ކުންފުންޏަކީ އިންޑިއާ އާއި އޭޝިއާ ބައްރުގައި ވެސް އެންމެ މުއްސަނދި މީހާގެ ގޮތުގައި ހުންނެވި ބިލިއަނަރު މުކޭޝް އަމްބާނީގެ ކުންފުންޏެކެވެ. ކައިރި މުސްތަގުބަލެއްގައި ދުނިޔޭގެ އެންމެ ބޮޑު ސަބްމެރިން ކޭބަލް އޮޕަރޭޓް ކުރާ ކުންފުންޏަކަށް ރިޔަލަންސް ވެގެންދާނެ އެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު ކްރޮސްރޯޑްސްގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
ސަރުކާރުގެ ފަރާތުން މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރާނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ އޯޝަން ކަނެކްޓް މޯލްޑިވްސް އެވެ.
ރާއްޖެއަށް ގުޅާލުމަށް ނިންމާފައިވަނީ ޖިއޯ ކުންފުނިން މިހާރު އަޅަމުންދާ ދެ ކޭބަލްގެ ތެރެއިން އޭޝިއާ ސަރަހައްދުގައި އެ ކުންފުނިން އަޅަމުންދާ އިންޑިއާ-އޭޝިއާ އެކްސްޕްރެސް ކޭބަލްގެ ކޮޅެކެވެ.
ރާއްޖެއަށް މިހާރު އިންޓަނެޓްގެ ހިދުމަތް ދޭ ތިން ކުންފުނި ކަމަށްވާ ދިރާގާއި އުރީދޫ އަދި ފޯކަސް އިންފޮކޮމް އިން ހިދުމަތް ދެނީ އެކިއެކި ފަރާތްތަކާ ގުޅިގެން އެ ކުންފުނިތަކުން އަޅާފައިވާ ކޭބަލްތަކެއް މެދުވެރިކޮށެވެ.
ސަރުކާރުން ސަބްމެރިން ކޭބަލެއް އަޅަން ނިންމިއިރު ރާއްޖޭގައި ދޭ އިންޓަނެޓް ހިދުމަތުގެ އަގު ވަނީ ހެޔޮކޮށްފަ އެވެ.