ޣައްސާން މައުމޫން

ދިވެހީން ގެންނަން ސަރުކާރުން އިސްކަމެއް ނުދޭ: ޣައްސާން

ޔޫކުރޭންގައި ތިބި ދިވެހި ކިޔަވާ ކުދީން ރާއްޖެ އައުމަށް އެހީތެރިކަމަށް އެދުނު ނަމަވެސް އެކަމަށް ސަރުކާރުން ދޭންޖެހޭ އިސްކަން ދީފައިނުވާ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޣައްސާން މިހެން ވިދާޅުވެފައިވަނީ ރަޝިއާ އިން ޔުކްރޭނަށް ހަމަލާ ދެމުންދާ ސަރަހައްދުތަކުގައި ތިބި ދަރިވަރުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވުމަށް ކުރާ މަސައްކަތުގައި ދިވެހި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން އެއްބާރުލުން ލިބެމުން ނުދާ ކަމަށް ބުނެ ޔުކްރޭންގައި ތިބި ދިވެހި ބައެއް ދަރިވަރުންނާއި އެ ކުދިންގެ އާއިލާތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޣައްސާން ވިދާޅުވީ ރަޝިޔާ-ޔޫކުރޭން ހަނގުރާމަކަށް ހިނގައިދާނެ ކަމުގެ އަލިގަދަ އެތަކެއް ހެއްކެއް ދިޔައީ ފެންނަމުން ކަަމަށާ މި ނުރައްކަލުގަިއ ތިބި ދިވެހި ކިޔަވާ ކުދީން ރާއްޖެ އައުމަށް އެހީތެރިކަމަށް އެދުނު ނަމަވެސް އެކަމަށް ސަރުކާރުން ދޭންޖެހޭ އިސްކަން ދީފައިނުވާ ކަމަށެވެ.

"އެ ކުދީން ރާއްޖެ ގެނައުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ،" ޣައްސާން ވިދާޅުވިއެވެ.

ރަޝިއާގެ ރައީސް ލަޑިމިއަރު ޕޫޓިންގެ އަމުރަށް އެ ގައުމުގެ އަސްކަރިއްޔާއިން ޔުކްރޭނަށް އަރައި ޚާއްސަ އޮޕަރޭޝަން މިއަދު ހެނދުނުއްސުރެ ގެންދަނީ ހިންގަމުންނެވެ. އަސްކަރީ އޮޕަރޭޝަނާ ބެހޭ ގޮތުން ޕޫޓިން ވިދާޅުވީ ހުޅަނގާ ގުޅިގެން ޔުކްރޭނުން މަސައްކަތްކުރި ހާލަތު ކުރިމަތިވެއްޖެ ކަމަށާއި ދެން އޮތީ ތަޖުރިބާކުރުން ކަމަށެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި އޮޕަރޭޝަންގެ މަގުސަދަކީ ޔުކްރޭނުން އަސްކަރީ ބާރު ކަނޑުވާލުމެވެ.

ޔުކްރޭންގެ ރައީސް ލަޑިމިއަރު ޒީލިއަންސްކީ ވިދާޅުވީ ރަޝިއާއިން ޔުކްރޭނަށް އެރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އޭނާ އަދި ވިދާޅުވީ ރަޝިއާއިން ގޮތްދޫނުކޮށް ހިންގާ އަމަލުތައް ހިތިވާނެ ކަމަށެވެ. ޒީލިއަންސްކީ ވިދާޅުވީ ޔުކްރޭނުން މިއަދުގެ ތާރީޚް ޖަހާނީ ރަޝިއާއިން އުދުވާން ކުރިމަތިކުރިވި ދުވަހެއް ގޮތުގައި ކަމަށާއި ހަނގުރާމަ އަކީ ރަޝިއާގެ ރައްޔިތުން އަދި ޔުކްރޭންގެ ރައްޔިތުން ރުހޭނެ ކަމެއް ނޫން ކަމަށެވެ.