އިންޑިއާ ސިފައިންގެ ބަދަލުގައި ރާއްޖޭގައި މިހާރު ތިބީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު އުފެއްދި ކުންފުނި ކަމަށްވާ ހިންދުސްތާނު އެއިރޮނޮޓިކްސް ލިމިޓެޑް ކުންފުނީގެ މަދަނީ މުވައްޒަފުން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޒަމީރު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ހުރިހާ ސިފައިން އިއްޔެގެ ނިޔަލަށް ރާއްޖެއިން ފޭބިއިރު އިންޑިއާ އިން ހަދިޔާކޮށްފައިވާ ކަމަށް ބުނާ އުޅަނދުތައް ދުއްވުމަށް އެ ގައުމުގެ މަދަނީ ބަޔަކު ރާއްޖެގައި ތިބުމަކީ އޮޅުވާލުމެއް ކަމަށާއި އިންޑިއާ ސިފައިން އަދިވެސް ރާއްޖެއިން ނުފައިބައި ކަމަށް ބުނެ ބައެއް ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަމުންދާތީ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ފޮރިން މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބިއިރު އެކަން ގަބޫލުކޮށްފައި، ރާއްޖޭގައި މިހާރު ތިބީ އިންޑިއާގެ މަދަނީ ބައެއް ކަމަށް ބުނުމުން އެކަން ގަބޫލުނުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ޒަމީރު ވިދާޅުވީ މަދަނީ މީހުން ރާއްޖޭގައި ތިބޭނީ ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެ މީހުންނަށް ރާއްޖޭގައި ތިބެވޭނެ މުއްދަތެއް އެ އެއްބަސްވުމުގައި އޮންނާނެ ކަމަށެވެ. ރާއްޖޭގައި މަދަނީ ބަޔަކު ތިބީ އިންޑިއާ ސިފައިން ކުރިން ތިބި އަދަދަށް ކަމަށްވެސް ވިދާޅުވި އެވެ.
ޒަމީރު މިއަދު ވިދާޅުވި ގޮތުގައި އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ އުޅަނދުތައް އޮޕަރޭޓްކޮށް، މެއިންޓަނަންސް މަސައްކަތުގައި ރާއްޖޭގައި ތިބީ 76 އިންޑިއާ ސިފައިންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ އިންޑިއާ އިން ހަދިޔާކޮށްފައިވާ އުޅަނދުތައް ރާއްޖޭގައި އޮޕަރޭޓް ކުރާނީ ސީދާ ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފް އަންގާ ގޮތެއްގެ މަތިން ކަމަށެވެ.
"އަދި އަޅުގަނޑުމެން ކަށަވަރުކޮށްފައިވާނެ ރާއްޖެ އައިސްތިބީ މަދަނީ މީހުން ކަންވެސް،" ޣައްސާން ވިދާޅުވި އެވެ.
ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ގާއިމުވެ ތިބިނަމަ އެ ބަޔަކު ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ސަރުކާރުން ބުނާ ގޮތުގައި އިންޑިއާ ސިފައިން ފިޔަވާ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމުވެގެން ތިބެފައެއް ނުވެ އެވެ.
ރައީސް މުއިއްޒުގެ ރިޔާސީ ވައުދު ފުއްދުމުގެ ގޮތުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރިއަށް ދިޔަ މަޝްވަރާތަކުގައި އެއްބަސްވެފައިވަނީ ވެސް އިއްޔެގެ ނިޔަލަށް ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ބޭލުމަށެވެ.