ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެ އިން ފައިބައިފި އެވެ.
އިންޑިއާ ސަރުކާރުގެ ފަރާތުން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒު މިނިސްޓްރީގެ ތަރުޖަމާނު ރަންދީރް ޖެއިސްވާލް ވަނީ ބައިނަލްއަގްވާމީ ނޫސް އެޖެންސީތަކަށް މިކަން ކަށަވަރުކޮށްދީފަ އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މާދަމާގެ ނިޔަލަށް ރާއްޖެއިން ފައިބާނެ ކަމަށް ދިވެހި ސަރުކާރުން ވެސް މި ހަފްތާ ތެރޭގައި ބުނެފައިވެ އެވެ.
ރަންދީރް ޖެއިސްވާލް ނޫސްތަކަށް ވިދާޅުވި ގޮތުގައި ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން މިހާރު ވަނީ އެ ގައުމަށް ގެންގޮސް އެ މީހުންގެ ބަދަލުގައި މަދަނީ ޓެކްނިލް ބަޔަކު ރާއްޖެއަށް ފޮނުވާފަ އެވެ.
ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ގާއިމުވެ ތިބިނަމަ އެ ބަޔަކު ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ސަރުކާރުން ބުނާ ގޮތުގައި އިންޑިއާ ސިފައިން ފިޔަވާ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމުވެގެން ތިބެފައެއް ނުވެ އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރިއަށް ދިޔަ މަޝްވަރާތަކުގައި އެއްބަސްވެފައިވަނީ ވެސް މާދަމާގެ ނިޔަލަށް ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ބޭލުމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަސްލު އަދަދު ހާމަކުރެވޭނީ އެ މީހުން ރާއްޖެއިން ފޭބުމުން ކަމަށްވެސް ދިވެހި ސަރުކާރުން ކުރިން ބުނެފައިވެ އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން މީގެކުރިން ގާއިމުވެ ތިބީ އެ ގައުމުން ހަދިޔާ ކުރި ކަމަށް ބުނާ ދެ ހެލިކަޕްޓަރާއި ޑޮނިއާއެއް ދުއްވުމަށާއި އެ އުޅަނދުތަކުގެ މެއިންޓަނަންސް މަސައްކަތްތަކުގައެވެ.