ރައީސް އޮފީސް

ޔުކްރޭންގައި ތިބި ދިވެހިން ގެންނަން އަންގަވައިފި

ޔުކްރޭންގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ޔުކްރޭންގައި ދިރިއުޅޭ ދިވެހިން ރާއްޖެ އަނބުރާ ގެނައުމަށް ރައީސް ސޯލިހް އަންގަވާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ފޮރިން މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ ޔުކްރޭނާއި ރާއްޖެއާއި ދެމެދު ފްލައިޓްތައް އޮޕަރޭޓްކުރަމުންދާ ކަމަށާއި ރާއްޖޭގެ ބޯޑަރު ވެސް ހުރީ ހުޅުވާފައި ކަމަށެވެ. އެހެންކަމުން ރާއްޖެ އަންނަ ބޭނުންވާ ދިވެހިންނަށް އަނބުރާ އައުމަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ރަޝިއާއި ހުޅަނގުގެ ބާރުތަކާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގައި ރަޝިއާ އިން ޔުކްރޭނަށް ހަމަލާތަކެއްދީ އެ ގައުމަށް އަރައިގެންފާނެ ކަމަށް ހުޅަނގުގެ މީޑިއާތަކުން ދަނީ ކެނޑިނޭޅި ރިޕޯޓްކުރަމުންނެވެ. ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ގެންދަނީ ޔުކްރޭންގައި ތިބި އެހެން ގައުމުތަކުގެ މީހުން މިވަގުތު ޔުކްރޭނުން ފޭބުމަށްވެސް އިލްތިމާސް ކުރަމުންނެވެ.

ރަޝިއާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެ ރަޝިއާގެ ފައުޖުތައް މިވަގުތު ތިބީ ރަޝިއާ އާއި ޔުކްރޭން ގުޅޭ ބޯޑަރުގައި ހަނގުރާމަވެރި ހާލަތުގަ އެވެ. ރަޝިއާ ސިފައިން ދަނީ އެ ސަރަހައްދުގައި ހާއްސަ ތަމްރީންތަކެއް ވެސް ހަދަމުންނެވެ.

ރަޝިއާ އިން ޔުކްރޭނަށް ހަމަލާދީ އެ ގައުމު ހިސޯރުކުރަން އުޅޭ ކަމަށް އެމެރިކާ އިން ފަތުރާ ހަބަރުތައް ރަޝިއާ އިން ދަނީ ދޮގުކުރަމުންނެވެ.