ގެމްބިއާ

ގެމްބިއާގެ ޑިޕްލޮމެޓުން ތަމްރީންކުރަން ރާއްޖޭގެ އެހީތެރިކަމަށް އެދިއްޖެ

Sep 5, 2022

ދިވެހިރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް މެދުވެރިކޮށް ގެމްބިއާގެ ޑިޕްލޮމެޓުން ތަމްރީނުކުރުމަށް ހުށަހަޅުއްވައިފި އެވެ.

ގެމްބިއާގެ ހުށަހެޅުން ދިވެހި ސަރުކާރަށް ލިބުނީ ގެމްބިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މުސްތަފާ ޖަވާރާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އެރުއްވުމަށްފަހު މިއަދު ދެ ބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

ދިވެހިރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓަކީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލި ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނުގެ ދަށުން އުފެއްދި ތަނެކެވެ. ފޮރިން ސާވިސްގެ ގާނޫނުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު 27 ވަނަ ދުވަހު އެވެ. ރައީސް ސޯލިހް މި ބިލް ތަސްދީގު ކުރެއްވީ މިދިޔަ ނޮވެމްބަރު 14 ވަނަ ދުވަހު އެވެ.

ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ މެއި 15 ވަނަ ދުވަހު އެވެ. ގާނޫނަކުން ބާރު ލިބިގެން ދިވެހިރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް ރަސްމީކޮށް އުފެދުނީވެސް އެ ދުވަހު އެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓަކީ އަދި ޅަފަތުގައި އޮތް ތަނެކެވެ.

ފޮރިން ސާވިސް އިންސްޓިޓިއުޓްގެ ޒިންމާ

  • ފޮރިން ސާވިސް އިމްތިހާންގެ މުގައްރަރު، ފޮރިން ސެކްރެޓަރީގެ މަޝްވަރާއާ އެކު ކަނޑައެޅުމާއި، އެ އިމްތިހާން ބޭއްވުން
  • ފޮރިން ސާވިސްގެ ގާނޫނުގެ މަގުސަދުތައް ހާސިލްކުރުމަށް ބޭނުންވާ ހާއްސަ ތަމްރީނާއި ހުނަރު، ފޮރިން ސާވިސްގެ މުވައްޒަފުންނަށާއި ފޮރިން ސާވިސްގެ ވަޒީފާތަކުގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންނަށް ދިނުމާއި ހިންގުން
  • ރާއްޖޭގެ ހާރިޖީ ސިޔާސަތާއި އެ ސިޔާސަތާ ގުޅޭ މުހިއްމު މައުޟޫއުތަކަށާއި، ދުނިޔޭގައި އެއިރެއްގައި ހިނގާ މުހިއްމު މައްސަލަތަކާ ގުޅޭގޮތުން ދިރާސާކުރުން
  • ރާއްޖޭގެ ހާރިޖީ ސިޔާސަތާއި ހާރިޖީ ސިޔާސަތާ ގުޅޭ މުހިއްމު މައްސަލަތަކާ ގުޅޭގޮތުން ދައުލަތުގެ އެހެން އިދާރާތަކާއި، އާންމުންނާއި، ކިޔަވާ ކުދިން އަހުލުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުން

ދިވެހިރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް މެދުވެރިކޮށް ގެމްބިއާގެ ޑިޕްލޮމެޓުން ތަމްރީނުކުރުމަށް ހުށަހެޅުއްވުމާ ގުޅިގެން ރައީސް ސޯލިހް ވަނީ އެ އިންސްޓިޓިއުޓް މެދުވެރިކޮށް ގެމްބިއާގެ ޑިޕްލޮމެޓުން ތަމްރީނުކުރުމަށް އެހީތެރިވެދިނުމަށް ހުށަހެޅުއްވި ހުށަހެޅުއްވުން ފުރިހަމައަށް ބައްލަވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ގެމްބިއާ ސަފީރު މުސްތަފާ ޖަވާރާ ވަނީ ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ މެދުގައި މައުލޫމާތާއި ފަންނީ ތަޖުރިބާ ހިއްސާކުރުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރައްވާފަ އެވެ. ރައީސް ސޯލިހް ވެސް ވަނީ ގެމްބިޔާއާ އެކު ފަތުރުވެރިކަން ކުރިއެރުވުމަށާއި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތައް އޮޅުންފިލުއްވައި ދެ ގައުމަށްވެސް ފައިދާކުރަނިވި ގޮތެއްގައި ކުރިއަށް ދިއުމަށް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

މުސްލިމުންގެ ބޮޑު އާބާދީއެއް އޮތް ގެމްބިއާ އަކީ އަމިއްލަ ވަޒަނެއް ހޯދުމަށް މަސައްކަތް ކުރަމުންދާ މުސްލިމު ރޮހިންޔާ ދަރިކޮޅުގެ މީހުންގެ ހައްގުތައް ހޯދައިދިނުމަށްޓަކައި އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް މައްސަލަ ހުށަހެޅި ގައުމެވެ. މި މައްސަލައަށް، ރާއްޖެއިން ވަނީ ތަދައްޚުލްވެފަ އެވެ.

ދިވެހިރާއްޖެއިން ގެމްބިއާ އާއި އެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ ޖުލައި 3، 1989 ގައެވެ.