ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށާއި ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް މިއަދު ބޭފުޅުން އައްޔަންކުރައްވައިފި އެވެ.
ޖަޕާން ސަފީރު ކަމަށް އައްޔަންކުރެއްވީ ގ. ފިޔާތޮށިގެ ހަސަން ސޯބިރު އެވެ. ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަންގެ ސަފީރު ކަމަށް އައްޔަންކުރެއްވީ ހ. ހިކިފިނިފެންމާގެ އުމަރު އަބްދުއްރައްޒާގު އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މި ދެ ބޭފުޅުން މަގާމަށް އައްޔަނު ކުރައްވައި، ސަފީރު ކަމުގެ ފަތްކޮޅު ދެއްވާފަ އެވެ.
ހަސަން ސޯބިރު ކުރިން ހުންނެވީ ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ. އުމަރު އަބްދުއްރައްޒާގު ހުންނެވީ ސްރީލަންކާ އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ.
ހަސަން ސޯބިރު މަގާމަށް އައްޔަންކުރެއްވީ މިނިސްޓަރުންނާއި އެއް ފެންވަރުގަ އެވެ. އުމަރު އަބްދުއްރައްޒާގު މަގާމަށް އައްޔަނުކުރެއްވީ ސްޓޭޓް މިނިސްޓަރުންނާއި އެއް ފެންވަރުގަ އެވެ.