ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ބޮސްނިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

Dec 18, 2022

ރާއްޖެ ވަޑައިގެން އުޅުއްވާ ބޮސްނިއާގެ ފޮރިން މިނިސްޓަރު ޑރ. ބިސޭރާ ޓުރްކޮވިޗް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާ ބައްދަލުކުރައްވައިފި އެވެ.

މިއަދު ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

ޑރ. ބިސޭރާއަށް މަރުހަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ މިއީ ބޮސްނިއާގެ މަތީ ފަންތީގެ މަންދޫބަކު ރާއްޖެއަށް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާފަ އެވެ.

ބޮސްނިއާގެ ހާރިޖީ ވަޒީރު ވަނީ މިއަހަރަކީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 25 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާފަ އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ފަތުރުވެރިކަމުގެ ދާއިރާއާއި މަތީ ތައުލީމުގެ ދާއިރާއާއި ޒުވާނުންގެ ތަރައްގީއާ އަދި ގިނަ ގައުމުތައް އެކުވެގެން ބައިނަލްއަގްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުން ފަދަ ދެ ގައުމުން އިސްކަންދޭ މުހިއްމު ކަންކަމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ދިވެހިރާއްޖެއާ ބޮސްނިއާ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ ޖެނުއަރީ 27، 1997 ގައެވެ.

ބޮސްނިއާގެ ފޮރިން މިނިސްޓަރު ޑރ. ބިސޭރާ ޓުރްކޮވިޗް ރާއްޖެ ވަޑައިގެން ރައީސް ސޯލިހާ ބައްދަލުކުރެއްވިއިރު އެކަމަނާ މިދަތުރުފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް ދިވެހި ސަރުކާރުން ކުރިން ހާމަކޮށްފައެއް ނުވެ އެވެ.