ފޮރިން މިނިސްޓްރީ

ބެލަރޫސްއާއި ރަޝިއާގައި ތިބި ކުދިންގެ ހާލަތު ބަލަނީ

Feb 26, 2022

ޔުކްރޭންގެ ބޯޑަރާ ގާތުގައި ބެލަރޫސް އާއި ރަޝިއާގައި ތިބި ދިވެހި ކުދިންގެ ކަންބޮޑުވުންތަކެއް ހުރުމުން އެ ކުދިންގެ ކަންކަން ގާތުން ބަލަމުންދާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެެވެ.

ބެލަރޫސްގައި އެންމެ ގިނަ އަދަދަކަށް ދިވެހި ދަރިވަރުން ތިބީ ބެލަރޫސްގެ ގްރޮޑްނޯ ސްޓޭޓްގަ އެވެ.

ޔުކްރޭންގައި ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކާ 1،500 ކިލޯމީޓަރު ދުރުގައިވާ އެ ސިޓީގައި 140އާ ގާތްކުރާ އަދަދަކަށް ދިވެހި ކުދިން ތިބި ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

އެ ކުދިން ނެރުނު ބަޔާނެއްގައި ވަނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލާފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ކުދިންގެ ކަންބޮޑުވުންތައް ދެނެގަނެ ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

ޔުކްރޭން ބޯޑަރާ ކައިރީގައި އޮތް ރަޝިއާގެ ހުޅަނގުގެ ސިޓީއެއް ކަމުގައިވާ ކާސްކްގައި ދިވެހި ކުދިންތަކެއް ތިބި ނަމަވެސް އެ ކުދިން ތިބީ ރައްކާތެރި ހާލަތުގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އެކަމަކު އެ ކުދިންގެ ކަންކަން ވެސް ކައިރިން ބަލަމުންދާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ޔުކްރޭންގެ އިވަނޯ-ފްރެންކިވްސްގައި ތިބި 15 ދަރިވަރުން ރާއްޖެ ގަޑިން ރޭ 11:30 ހާއިރު ރައްކާތެރިކަމާ އެކު ވަނީ ހަންގޭރީ އަށް އެތެރެވެފަ އެވެ. އެ ކުދިން މިހާރު ދަތުރުކުރަމުން ދަނީ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދިއުމަށެވެ. ދެ ދުވަހެއްގެ ތެރޭގައި އެ ކުދިން ރާއްޖެ އައުމަށް ހަމަޖެހިފައިވެ އެވެ. އަދި ޔުކްރޭންގައި މިވަގުތު ތާށިވެފައި ތިބި ދިވެހި ނުވަ ކުއްޖަކުވެސް ހަންގޭރީ ބޯޑަރު ސަރަހައްދަށް ގެންދިއުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންދާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.