ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ ހުކުމްތައް ގާނޫނަކުން އުވާލަން އުޅޭތީ ފާޑުކިޔައިފި

ސުޕްރީމް ކޯޓުގެ ހުކުމްތައް ގާނޫނަކުން އުވާލެވޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ފާޑުވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަަޖިލީހުގެ މެމްބަރުންގެ ފާޑުކިޔުން ބިލަށް އަމާޒުވީ އެ ބިލަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގެ ތެރެއިންނެވެ.

ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން އެ އިސްލާހު ފާސްކޮށް އަމަލުކުރަން ފެށުމާއެކު ސުޕްރީމް ކޯޓުން 2015 ވަނަ އަހަރު ނިންމާފައިވާ ދެ ނިންމުމެއް އުވިގެންދާނެ އެވެ. މީގެ އިތުރުން ބައެއް ގަވައިދުތަކާއި، ގަރާރުތަކާއި، ސާކިއުލާތަކާއި އަދި އާންމު ސިޓީތައް އުވިގެންދާނެ އެވެ.

އިސްލާހަށް ފާޑުވިދާޅުވަމުން އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އިމްތިޔާޒް ފަހުމީ މިއަދު ވިދާޅުވީ ސިޓީތަކާއި ސާކިއުލާތައް ގާނޫނަކުން އުވާލެވިދާނެ ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ހުކުމެއް އުވާލެވިދާނެތޯ ސުވާލު އުފެދޭ ކަމަށެވެ.

ސުޕްރީމް ކޯޓަކީ ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށްވާއިރު އެ ކޯޓުން ކުރާ ހުކުމަށް ބިނާކޮށް ދަށު ކޯޓުތަކުން ހުކުމް ކުރަމުން ގެންދެ އެވެ. އަދި މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ އާންމު އުސޫލެވެ.

"ސުޕްރީމް ކޯޓެއްގެ ރޫލިންއެއް އަޅުގަނޑު ހިތުން، ބާތިލުކުރަން ޖެހޭނީ ހަމަ ސުޕްރީމް ކޯޓުން. ގާނޫނެއް އަޅުގަނޑުމެން ލިޔެގެން ރޫލިން އެއް ބާތިލުކުރެެވިދާނެތޯ އެއީ އަޅުގަނޑު ސުވާލު އުފައްދާ ކަމެއް،" މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވަމުން ގެންދަވާ އިމްތިޔާޒް ވިދާޅުވި އެވެ.

ގާނޫނަކަށް ހުށަހަޅާ އިސްލާހެއްގެ ތެރެއިން ސުޕްރީމް ކޯޓުގެ ހުކުމެއް ބާތިލްވާ ގޮތަށް އޮތުމަކީ ގާނޫނީ ގޮތުން ހަމަޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ މަހިބަދޫ ދާއިރިާގެ މެމްބަރު އަހްމަދު ތޯރިގު (ޓޮމް) ވެސް ވަނީ އިސްލާހަށް ފާޑު ވިދާޅުވެފަ އެވެ.

ތޯރިގު ވިދާޅުވީ އެމްޑީޕީން ގަޔާ ނުވާ އަމުރުތައް ސުޕްރީމް ކޯޓުން ނެރެފައިވާތީ ގާނޫނަށް އިސްލާހު ހުށަހެޅީ އެފަދަ އަމުރުތަކާއި ހުކުމްތައް ބަދަލުކުރަން ކަމަށެވެ. އަދި ކޯޓަތަކުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލަކީ ރާއްޖޭގެ ދުސްތޫރާ މުޅިން ހިލާފު ބިލެއް ކަމުގައިވެސް ވިދާޅުވި އެވެ.

ތޯރިގު ތުހުމަތު ކުރެއްވި ގޮތުގައި ޖުޑީޝަރީ އިސްލާހު ކުރާ ވާހަކަ ސަރުކާރުން ދެއްކި ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ގޮން ޖަހަމުންދާ ކަމަށެވެ.

"މިދިޔަ ހަފްތާގައި އަޅުގަނޑުމެންނަށް ފެނުނު ހުޅުމާލޭގެ ކޯޓު އުވާލުމުގެ މައްސަލައިގައި، އެ ކޯޓު އުވާލުމަށް ހުށަހެޅީ އޭރުގެ ލޯޔަރު، އޭގެ ތެރޭގައި ލޯޔަރު ރިފްއަތާއި، ލޯޔަރު ހިސާން. މިއަދު ހުޅުމާލެ ކޯޓު އުވާލަން ކުރިން ސުޕްރީމް ކޯޓުން ނިންމާފައި އޮތް މައްސަލަ އަލުން ނުބެލޭނެ ކަމަށް އެންގީމާ ޖޭއެސްސީގެ ފަރާތުން ހިސާންއާ ރިއްފަތު ސުޕްރީމް ކޯޓާ ޗެލެންޖްކޮށްފަ ބަޔާން ނެރެފަ އެބަހުރިތަން." ތޯރިގު ވިދާޅުވި އެވެ.