ޔުކްރެއިން

ޔޫކްރެއިންގައި ތިބި 15 ދަރިވަރުން ރާއްޖެ އަތުވެއްޖެ

ޔޫކްރޭންގެ އިވަނޯ-ފްރެންކިވްސްކް ގައި ތިބި 15 ދަރިވަރުން ހަންގޭރީގައި ތިބުމަށް ފަހު މިރޭ ރާއްޖެ އަތުވެއްޖެ އެވެ.

އެ ދަރިވަރުން މިރޭ މާލެ އައިސްފައިވާ ކަމަށް ފޮރިން މިނިސްޓްރީންވެސް ވަނީ ބުނެފައެވެ. ޔޫކްރެއިންގަައި ހަނގުރާމަ ފެށި ނުރައްކާވެފައިވާތީ ގަައުމުގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަދިވެސް އެ ގައުމުގައި 12 ދަރިވަރުން އެބަތިއްބެވެ.

އެ މިނިސްޓްރީން ބުނީ ހަނގުރާމައިގެ ހާލަތު އެންމެ ގޯސް ޔޫކްރޭންގެ ހަރްކީވްގައި އަށް ދިވެހިން އަދިވެސް އެބަތިބި ކަމަށާއި ކިއެވްގައި ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔޫކްރޭން އަންހެނަކާއި އެމީހުންގެ ދެކުދިން ތިބި ކަމުގެ މައުލޫމާތު ވެސް ރޭގައި ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ނިޕްރޯގައި އެއް ދަރިވަރަކު ހުރި ކަމަށެވެ.

އެ މީހުން ޔުކްރެއިންގެ ހުޅަނގަށް، ހަންގޭރީ ބޯޑަރު ކައިރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އެއީ ވަރަށް ދުރު ހިސާބެއް ކަމުން އަދި ހާލަތު އޮތް ގޮތުން އެކަމުގައި ދަތިތަކެއް އެބަހުރި ކަމަށްވެސް ބުންޏެވެ.

އިވަނޯ-ފްރެންކިވްސްކްގައި ކިޔަވަން ތިބި ދަރިވަރުންނަށް ކުރިން ނުފުރުނީ އެ ދަރިވަރުންގެ ކްލާސްތައް، އޮންލައިން ކްލާސްތަކަކަށް ޔުނިވާސިޓީން ބަދަލުކުރިތާ މާގިނަ އިރުތަކެއް ނުވެ އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެންނެވެ.

ރަޝިޔާ އަދި ބެލަރުސްގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ރަނގަޅު ކަމަށާއި އެ ކުދިންނަށް ސަރުކާރުގެ ފަރާތުން އެހީ ފޯރުކޮށްދެމުންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.