ޔުކްރެއިން

ހުރިހާ ދިވެހިން ޔުކްރޭނުން ބޭރުވެއްޖެ

Mar 3, 2022

ޔުކްރެއިންގައި އެންމެ ފަހުން ތިބި ނުވަ ދިވެހި ހަންގޭރީ އަށް އެތެރެވެއްޖެ އެވެ.

ޔުކްރޭންގެ ޚަރްކީވްގައި ތިބި ފަސް ދިވެހި ދަރިވަރުންނާއި، އެސިޓީގައި ތިބި ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ދިވެހި އާއިލާގެ އިތުރުން ނިޕްރޯގައި ހުރި ދިވެހި ދަރިވަރު ހަންގޭރީ އަށް އެތެރެވުމަށްޓަކައި އިއްޔެ މެންދުރު އެންމެ ފުރަތަމަ ދަތުރުކުރީ ޔުކްރޭންގެ ހުޅަނގުގައި އޮންނަ ލިވީވް އަށެވެ.

ލިވީވް މަގުން ނުވަ މީހުން ހަންގޭރީ އަށް އެތެރެވީ ރޭގެ ވަގުތެއްގަ އެވެ.

ދަރިވަރުން ބޯޑަރު ހުރަސްކުރުމުގެ ކުރިން ވިސާއާއި އެހެނިހެން އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު އަބްދުﷲ ޝާހިދު ހަންގޭރީގެ ހާރިޖީ ވަޒީރާއި ފޯނުން ގުޅުއްވައި އަދި ނިއުޔޯކްގައި ބައްދަލުކުރައްވައި، ދިވެހި ދަރިވަރުންނަށް ފަސޭހަ އިންތިޒާމެއްގެ ދަށުން ހަންގޭރީއަށް އެތެރެވެވޭނެ މަގު ހަމަޖައްސަވައިދެއްވި ކަމަށެވެ.

ހަންގޭރީއަށް އެތެރެވި ހުރިހާ ދިވެހިން މިހާރު ވަނީ އެ ގައުމުގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކޮށްފަ އެވެ. ދަރިވަރުން މާލެއަށް އައުމަށް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ޔުކްރޭންގައި ދިވެހި ދަރިވަރުން ތާށިވެފައި ތިބިއިރު މިނިސްޓަރު ޝާހިދު އެކުދިންނަށް ގުޅުންވާ، ހިތްވަރު ދެއްވި ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ޔުކްރޭންގައި ތިބި ދިވެހިން އެ ގައުމުން ބޭލުމުގެ އޮޕަރޭޝަން ކާމިޔާބުކޮށްފައިވާއިރު ޖުމްލަ 53 ދިވެހިން ޔުކްރޭނުން ބޭރުކޮށް އެހެން ގައުމުތަކަށް ގެންގޮސްފައިވެ އެވެ. ޔުކްރޭންގައި އެންމެ ގިނަ ދިވެހިން ދިރިއުޅުނީ ޚަރްކީވްގަ އެވެ. ޔުކްރޭނުން ބޭރުވި ބައެއް ދިވެހިން މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.