ރޮޒައިނާ އާދަމް

ރޮޒަައިނާގެ ހޫނު ރައްދެއް އީވާއަށް

އެމްޑީޕީގައި ތިބި ހަމައެކަނި އިހުލާސްތެރި މީހުންނަކީ ވަކި މީހުންތަކެއް ކަމަށް ބުނެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ދެއްކެވި ވާހަކަފުޅަށް އައްޑޫ މީދޫ ދާއިރާގެެ މެމްބަރު ރޮޒައިނާ އާދަމް ރައްދުދެއްވައިފ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރާ މީހުން ސަރުކާރުގެ ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް ބުނާ މައްސަލަ މަޖިލީހަށް މިއަދު ހުށަހެޅި އިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ ފެކްޝަނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވާ ފެކްޝަނާ ދެމެދު ވަރަށް ހޫނުވި އެވެ.

މިއަދުގެ ބަހުސްގައި އީވާ ވިދާޅުވީ މާފަނުން އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްއާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު(ވައްޑެ)އަށް ވުރެ އިހުލާސްތެރި މެމްބަރުން އެމްޑީޕީގައި ނުތިބޭނެ ކަަމަށެވެ.

އިވާގެ ވާހަތަކަަށް ރައްދު ދެއްވައި ރޮޒައިނާ ވިދާޅުވީ މިއީ ބަލައިގަނެވޭނެ ވާހަކަަތަކެއް ނޫން ކަމަށެވެ. އެގޮތުން އެމްޑީޕީއަށް ބޮޑެތި ގުރުބާނީތަކެއް ވެފައި ތިބި ބަޔަކު މެއްސަކަށް ނުވަތަ ކުކުޅަށް ހެދުން ރަނގަޅު ނޫން ކަަމަށެވެ.

އަދި ޕާޓީގެ މެމްބަރުންނަކީ އެކުވެރި ބަޔަކަށް ހަދަން ވާހަކަ ދައްކާއިރު ކޮންމެ ދުވަހަކު ހެނދުނު މަޖިލީހުގެ ތަޅުމުގައި މެމްބަރުންގެ އަގު ވައްޓަން މަސަައްކަތް ކުރާ ކަމަށް ވިދާޅުވެ އެކަން ރޮޒައިނާ ވަރަށް ބޮޑަށް ކުށްވެރިކުރެއްވި އެވެ.

"މިއަދު [އީވާ] ވިދާޅުވީ މިހިރަ އިމްތިޔާޒްއާ މިހިރަ ވަހީދުއާ މިހިރަ މިވެނި މީހަކާ އެވެނި މީހަކާ ކުރި މަސައްކަތުންނޭ މި ޕާޓީ ސަރުކާރަށް އައީ. ނޫން މި ޕާޓީ ސަރުކާރަަށް އައީ މި ޕާޓީގެ ހުރިހާ މެމްބަރުުން އަދި އެހެން ޕާޓީތަކުގެ މެމްބަރުންވެސް ކުރި ވަރަށް ބުރަ މަސައްކަތުން." ރޮޒައިނާަ ވިދާޅުވި އެވެ.

އިވާ ވިދާޅުވީ ޕާޓީގެ އިސްލާސްތެރިންގެ ނަންތައް އިވާ ވިދާޅުވިއިރު މާފަންނު ހުނޅަގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރާއި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާއާއި ގަމު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ނަން ނުގެންނަވާ ކަމަށެވެ. ނަމަވެސް ހަގީގަތަކީ މި ބޭފުޅުންނަކީ ވެސް ހަމަ އެއްވަރަކަށް މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށެވެ.

"އެހެންވީމާ ވަކި ބަޔަކު ކުރި މަސައްކަތޭ ވިދާޅުވުމަކީ ދެން ތިއްބެވި ހުރިހާ އެންމެނަށް ވަރަށް ބޮޑު ބޭ އިންސާފެއް. އެހެން އެކަން ނުކުރައްވާ. މި ޕާޓީ އެކުވެރިކުރަން މަސައްކަތް ކުރަން އެބަ ޖެހޭ" ރޮޒައިނާ ވިދާޅުވި އެވެ.