ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގިނަ އިނާޔަތްތަކެއް ލިބޭ ގޮތަށް މަޖިލީހަށް ހުށަހަޅައިފައިވާ ބިލްތަކާ ދެކޮޅު ކަމަށް އެމްޑީޕީގެ ޕާލަމަންޓަރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ވެސް ވިދާޅުވެއްޖެ އެވެ.
ރޮޒައިނާ ވިދާޅުވީ، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް މުހައްމަދު ހުށަހަޅާފައިވާ ބިލަށް އެކަމަނާ ވެސް ތާއީދު ނުކުރައްވާ ކަމަށެވެ.
މެންބަރުންގެ އިމްތިޔާޒުގެ ގާނޫނަށް މެންބަރު ލަތީފު ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ މަޖިލީހުގެ މެންބަރުންނާއި އެ ބޭފުޅުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުވާ ކުދިންނަށް އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސް ފަރުވާ ލިބެންޖެހޭ ގޮތަށް ގާނޫނު ބަދަލުކުރާށެވެ. ގާނޫނު މިހާރު އޮތްގޮތުން އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ހަމަޖެހެނީ މެންބަރުންނަށް އެކަނި ކަމަށްވާއިރު އާއިލާގެ ބޭފުޅުންނަށް ބޭސްފަރުވާ ހަމަޖެހޭނެ އުސޫލެއް މިހާރު ނޯންނަ ކަމަށެވެ.
އެއިސްލާހުގަައި މަޖިލީހުގެ ރައީސްކަމާއި ނައިބު ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް ވެސް އިނާޔަތެއް ލިބިދޭންޖެހޭ ކަމަށް ހިމަނާފައިވެ އެވެ. އެގޮތުން މަޖިލީހުގެ ރައީސްކަމާއި ނާއިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް އިމްތިޔާޒުގެ ގާނޫނު އިސްލާހު ކުރުމަށް އެ ބިލްގައި ހުށަހަޅައިފައިވާއިރު މެންބަރުކަމުން ވަކިވެވަޑައިގަންނަވާ ދުވަހުން ފެށިގެން އިނާޔަތް ލިބޭނެ ގޮތް ހަަމަޖައްސަން ވެސް ލަތީފްގެ އިސްލާހުގައި ބުނެ އެވެ.
ދެވަނަ އިސްލާހު މަޖިލިސްއަށް ހުށަހެޅީ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އެވެ. އެ އިސްލާހަށް ވެސް ރޮޒެއިނާ ދެކޮޅު ހައްދަވާފައި ވެއެވެ.
މުސްތަފާ ހުށަހެޅި އެ އިސްލާހުގައި ބުނެފައިވަނީ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް އެއާޕޯޓުގެ ވީއައިޕީ ސާވިސް ލިބެންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށެވެ. އަދި މަޖިލިސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭ ގޮތަށް އޮތް މާއްދާ އިސްލާހުކޮށް، މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ވެސް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭ ގޮތަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ.
މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ލިބިދޭ ގޮތަށް ހުށަހެޅި މި ދެ އިސްލާހަށް އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅި އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ ވެސް ވަނީ ދެކޮޅު ހައްދަވާފަ އެވެ.