ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ މަޖިލިސް "ހައިޖެކް" ކޮށްފައިވާ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ނިސްބަތްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒައިނާ ކަންބޮޑުވެވަޑައިގެން ވާހަކަ ދައްކަވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް، މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނެ މެންބަރަކު ނުވެގެން މަޖިލިސް ހުއްޓާލަން ޖެހުމާ ގުޅިގެންނެވެ.
މަޖިލިސް ގަވައިދު ބުނާ ގޮތުން މަޖިލީހުގެ ރައީސް ނެތް ހާލަތުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބް ރައީސް އެވެ. ނައިބް ރައީސް ވެސް ނެތް ހާލަތެއްގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރެއިން މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ ބޭފުޅެކެވެ. އެގޮތުން ރައީސް ނަޝީދާއި އީވާ ނެތް ހާލަތްތަކުގައި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ކޮންމެ ދުވަހަކުހެން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަ އެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި އަފީފް އަމަލުކުރެއްވި ގޮތެއް އެނގިފައެއް ނުވެ އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާތީ އެ ދެ ބޭފުޅުން ވެސް ވަނީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެވަޑައިގެންފަ އެވެ.
މަޖިލިސް ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކު ނެތިގެން މަޖިލިސް މިއަދު ހުއްޓާލަން ޖެހުމާ ގުޅިގެން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިތުބާރު ނެތް ރައީސް އަކާއި ނައިބް ރައީސްއެއް މަގާމުގައި ބަގުޑި ބައްދައިގެން މަޖިލިސް ހައިޖެކް ކުރައްވައިފި ކަމަށެވެ. ނަމަވެސް މަގާމުން އިސްތިއުފާ ނުދެއްވާ ކަންވެސް ރޮޒައިނާ ވަނީ ފާހަގަކުރައްވާފަ އެވެ.
"އެކަމަކު ރިޔާސަތަށް އަރަން އުޒުރުވެރިވޭ. މުސާރަ ނަގާކަށް އިނާޔަތްތައް ބޭނުންކުރާކަށް އުޒުރުވެރިއެއް ނުވޭ،" ރައީސް ނަޝީދާއި އީވާއަށް ފާޑުވިދާޅުވަމުން ރޮޒައިނާ ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށިއިރު މަޖިލީހުގެ ރިޔާސަތުގައި އެއްވެސް ބޭފުޅަކު ނެތެވެ. އެކަމަކު މަޖިލީހުގެ އަމީންއާންމު ވަނީ މަޖިލީހަށް ބަޔާނެއް އިއްވަވާފަ އެވެ.
މިބަޔާނުގައި ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ބ)ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުބާރު ނެތް މައްސަލައިގެ ގަރާރު ހުށަހެޅުމަށް އެޖެންޑާކޮށް މިޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިއްޔެގެ ވަގުތެއްގައި ސިޓީއަކުން ދެންނެވުނު ކަމަށެވެ.
ނަމަވެސް މަޖިލީހަށް އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްވެސް ހުށަހަޅާފައިވާތީ އެ މައްސަލައިގައި މަޖިލީހުން ގޮތެއް ކަނޑައެޅުމުގެ ކުރިން މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް މަޖިލީހުގެ ރައީސް ނަޝީދުވެސް އިއްޔެގެ ވަގުތެއްގައި ސިޓީއަކުން ދެންނެވި ކަމަށެވެ.
"އެހެންކަމުން މިއަދުގެ މިޖަލްސާ ރިޔާސަތު ބެލެހެއްޓުމާ ގުޅޭގޮތުން ގޮތެއް ކަނޑަނޭޅެނީސް މިވަގުތު މިޖަލްސާ ކުރިއަށް ގެންދެވެން ނެތް ވާހަކަ އިއްޒަތްތެރި މެންބަރުންނަށް ދަންނަވާލަން،" އަމީންއާންމުގެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވެފައިވެ އެވެ.