ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން މިއަދަށް އެޖެންޑާކުރި ޖަލްސާވެސް ކެންސަލްކޮށްފި އެވެ.
ޖަލްސާ ކެންސަލް ކުރީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އާލާސްކަންފުޅު އަދިވެސް ރަނގަޅު ނުވާ ކަމަށް ވިދާޅުވެ ސަލާން ފޮނުއްވަވާފައިވާތީ އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިފަހަރު 49 މެންބަރުންގެ ސޮޔާއެކު ހުށަހެޅުމުން ފުރަތަމަ އެޖެންޑާކުރީ އާދިއްތަ ދުވަހުގެ ޖަލްސާއަށެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ ދުވަހުގެ ޖަލްސާއަށް ސަލާމް ފޮނުއްވަވާފައިވާތީ އެ ޖަލްސާވެސް ވަނީ ކެންސަލްކޮށްފަ އެވެ.
އެ ޖަލްސާ ކެންސަލްވުމުން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން އެ ދުވަހު ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ހުށަހަޅާފަ އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހޯމަ ދުވަހާއި ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކުރި ނަމަވެސް އެ ޖަލްސާތައްވެސް ކެންސަލްކުރީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވަވާފައިވާތީ އެވެ.
މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސެވެ.
އެހެންކަމުން ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމާފަ އެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން މިއަހަރުގެ ޖޫން މަހުވެސް މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަ ފަހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.