ރީކޯ މޫސާ މަނިކު

އިނާޔަތުގެ ބިލާއެކު މުސްތަފާ އެމްޑީޕީން ވަކިވީތަ؟

ކުރީގެ މެމްބަރުންނަަށް އިނާޔަތް ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ހުށަހެޅުމުން އޭނާ އެމްޑީޕީގެ ހައިސިއްޔަތުން ވަކިވީތޯ ވިދާޅުވެ ހުޅު ހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ ސުވާލު އުފައްދައިފި އެވެ.

ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު މަރްޒޫގް ހުށަހަޅައިފައިވާ ޕެސްޓިސައިޑް ބޭނުން ކުރެވޭނެ ގޮތްތައް ކަނޑައަޅައި ދިނުމުގެ ބިލަށް ބަހުސް ކުރައްވަމުން މޫސާ ވިދާޅުވީ، މުސްތަފާއަކީ އެމްޑީޕީގެ މެމްބަރެއް ކަމަށެވެ. އަދި މަޖިލިސް ކެމްމޭނުގައި އެމްޑީޕީގެ އިސް ބޭފުޅުން މުސްތަފާގެ އަތުގައި ހިފައިގެން ކެމްޕޭން ކުރުމަށް ތިމަރުފުއްޓަށް ދިޔަ ކަމަށެވެ. ނަމަވެސް މެމްބަރުންނަށް އިނާޔަތް އިތުރު ކުރާނެ އިސްލާހެއް ހުށަހެޅުމުން އެމްޑީޕީއިން މިހާރު މުސްތަފާ ބަލައިނުގަންނަ ކަމަށެވެ.

"ތިމަރަފުށީ ދާއިރާގެ އިއްޒަތެރި މެމްބަރު މުހައްމަދު މުސްތަފާ މި މަޖިލިހަށް ބިލެއް ހުށަހެޅީ... މީ ބުއްދިއާއިބެހޭ މައްސަލައެއް އެ ބިލް ހުށަހެޅުމުން މުސްތަފާ އެމްޑީޕީން ވަކިވީތޯ އެމީހުން އެބަ ބުނޭ ތިމަންނަމެންނާބެހޭ ކަމެއް ނޫނޭ!" މޫސާ ވިދާޅުވި އެވެ.

މޫސާ މިހެން ވިދާޅުވިއިރު އެމްޑީޕީގެ ދެ މެމްބަރަކު ވަނީ މުސްތަފާގެ އިސްލާހާއި ދެކޮޅު ކަމަށް ވިދާޅުވެފަ އެވެ. އެއީ 19 ވަނަ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ އެމްޑީޕީގެ ޕާލަމަންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް އާއި އެ މަޖިލީހުގެ ނައިބު ރައީސް ކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ އީވާ އަބްދުﷲ އެވެ.

މުސްތަފާ ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައިވަނީ، މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް އެއާޕޯޓުގެ ވީއައިޕީ ސާވިސް ލިބެންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށެވެ. އަދި މަޖިލިސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭ ގޮތަށް އޮތް މާއްދާ އިސްލާހުކޮށް، މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ވެސް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭ ގޮތަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ.

ކުރީގެ މެމްބަރުންނަށް އިނާޔަތް ލިބިދޭގޮތަށް ހުށަހަޅައިފައިވާ ދެ އިސްލާހަށްވެސް ތާއިދު ނުކުރައްވާ ކަމަށް ހުޅު ހެންވޭރު ދާއިރާގެ މެމްބަރު މޫސާ ވަނީ ވިދާޅުވެފަ އެވެ. އެބިލަށް ފާޑު ކިޔުއްވަމުން މޫސާ ވިދާޅުވީ، "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް 19ވަނަ މަޖިލިސްއަށް މިވަޑައިގަންނަވަނީ ހިލޭ ސާބަހަށް މިތަނަށް މަސައްކުރަން ވަޑައިގަންންވާ ބޭފުޅުން ކަމަށް ވެއްޖެނަމަ އޭއަދި ދައުލަތުގެ ބަޖެޓަށް ލިބިގެންދާނެ ލުޔެއް" ކަމަށެވެ.

މިއަދުގެ ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން މޫސާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންނަށް ޖަވާބު ދާރީ ވާން ޖެހޭ ބަޔަކަށް ވާއިރު އެއްވެސް އިނާޔަތެއް މެމްބަރުންނަށް އޮވެގެން ނުވާނެ ކަމަށެވެ.