ރައްޔިތުންގެ މަޖިލިސް

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ.

މި ގަރާރު ބޭރުކޮށްލީ ނަޝީދު ނިސްބަތްވާ ދަ ޑިމޮކްރެޓްސްގެ މެންބަރުން ނެންގެވި ނިޒާމީ މައްސަލައަށް ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ގޮތެއް ނިންމެވުމަށްފަހު އެވެ. ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފުއަކީވެސް ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރެކެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނެންގެވި ނިޒާމީ މައްސަލަ ބަލައިގަންނަ ހަސަން އަފީފު ވިދާޅުވި އެވެ.

"މި ގަރާރު މި އޮތީ މަޖިލީހުގެ ގަވާއިދާ އެއް ގޮތަކަށް ނޫން ހުށަހެޅިފަ،" ހަސަން އަފީފު ވިދާޅުވި އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މައްސަލަ އަލުން ހުށަހަޅަންޖެހޭނެ ކަމަށް ވިދާޅުވެ ހަސަން އަފީފު ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދަ ޑިމޮކްރެޓްސްގެ މެންބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވާ ނަޝީދުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނީ ގަރާރެއް ކަމެއް ނުވަތަ ކުއްލި މައްސަލައެއްކަން ސާފުނުވާ ކަމަށެވެ.

މަޖިލީހަށް ހުށަހެޅޭ ގަރާރުތަކުގައި ހުންނަންޖެހޭ ސިފަތައް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާއިރު ނަޝީދު ވަކިކުރުމުގެ ގަރާރުގައި އެ ސިފަތައް ނެތް ކަމަށް އަލީ އާޒިމް ވިދާޅުވި އެވެ.

"ގަރާރުގައި ދީބާޖާއެއް އޮންނަންޖެހޭނެ ކަމަށް (މަޖިލީހުގެ) ގަވާއިދު އެބަ ބުނޭ. މިހާރު ހުށަހެޅިފައި އޮތް ކަރުދާހުގައި އަޅުގަނޑު ބަލާއިރު ދީބާޖާއެއް ނެތް. އެހެންވީމަ އަޅުގަނޑު ދެކެނީ މިއީ ނިޒާމީ މައްސަލައެއް ކަމަށް،" އަލީ އާޒިމް ވިދާޅުވި އެވެ.

ޑިމޮކްރެޓުން އެކަން ފާހަގަކުރުމުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ އެމްއެންޕީ މެންބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ބަޔާން ކުރާ ގަރާރާއި ގާނޫނު އަސާސީގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ގަރާރަކީ ތަފާތު އިޖުރާއަތަކުން ހިނގާ ދެ ގަރާރު ކަމަށެވެ.

"މިހާރު ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް އޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އުޝާމް ވިދާޅުވި އެވެ.

އުޝާމް ދެއްކެވި ވާހަކައަށް ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒް ވަނީ ތާއިދު ކުރައްވާފަ އެވެ.

އަލީ ނިޔާޒް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ގަރާރު އެއް މެންބަރަށްވެސް ހުށަހެޅިދާނެ ކަމަށާއި ނަމަވެސް މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅެނީ މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު ކަމަށެވެ.