ރައްޔިތުންގެ މަޖިލިސް

ނަޝީދުގެ މައްސަލަ ހުށަހެޅީ ގަވާއިދާ ހިލާފަށް: ޑިމޮކްރެޓްސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރު ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ދަ ޑިމޮކްރެޓްސްގެ މެންބަރުން ބުނެފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދަށް އެޖެންޑާކުރުމުން ނިޒާމީ މައްސަލައެއް ނަންގަވައި ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނީ ގަރާރެއް ކަމެއް ނުވަތަ ކުއްލި މައްސަލައެއްކަން ސާފުނުވާ ކަމަށެވެ.

މަޖިލީހަށް ހުށަހެޅޭ ގަރާރުތަކުގައި ހުންނަންޖެހޭ ސިފަތައް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާއިރު ނަޝީދު ވަކިކުރުމުގެ ގަރާރުގައި އެ ސިފަތައް ނެތް ކަމަށް އަލީ އާޒިމް ވިދާޅުވި އެވެ.

"ގަރާރުގައި ދީބާޖާއެއް އޮންނަންޖެހޭނެ ކަމަށް (މަޖިލީހުގެ) ގަވާއިދު އެބަ ބުނޭ. މިހާރު ހުށަހެޅިފައި އޮތް ކަރުދާހުގައި އަޅުގަނޑު ބަލާއިރު ދީބާޖާއެއް ނެތް. އެހެންވީމަ އަޅުގަނޑު ދެކެނީ މިއީ ނިޒާމީ މައްސަލައެއް ކަމަށް،" އަލީ އާޒިމް ވިދާޅުވި އެވެ.

މި މައްސަލައިގައި އެމްޑީޕީއަށް ސުޕްރީމް ކޯޓަށް ވަޑައިގެންނެވިދާނެ ކަމަށާއި ނަމަވެސް މަޖިލީހުގެ ގަވާއިދުގައި ވަކި ކަމެއް ވަކި ގޮތަކަށް ކަނޑައަޅާފައިވާ ކަންކަމުގައި އެހެން ގޮތަކަށް ކުރުމުގެ ފުރުސަތު ދީގެން މަޖިލީހުގައި ނީންނަވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ މައްސަލައެއް ނަންގަވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ ނަޝީދު ވަކިކުރުމުގެ ގަރާރު ހުށަހެޅިފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ.

"މި ބަލައެއްވެސް ނުގަނެވޭނެ. މި ފްލޯއަކަށްވެސް ހުށަހެއް ނޭޅޭނެ،" އިލްޔާސް ލަބީބު ވިދާޅުވި އެވެ.