ރައްޔިތުންގެ މަޖިލިސް

އީވާ އާއި އަފީފު ރިޔާސަތުގައި ނުބައިތިއްބަން ލަފާދިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފަށް ނުބެލެހެއްޓޭ ގޮތަށް މަޖިލީހުގެ އާއްމު ކޮމިޓީއަށް ލަފާދިނުމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކާ ގުޅޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.

އީވާ އާއި އަފީފްގެ އިމްތިޔާޒުގެ މައްސަލައެއް އިމްތިޔާޒު ކޮމިޓީން ބަލަން ފެށީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މިއަދު ހެނދުނު ބޭއްވި ފުރަތަމަ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް އެ މައްސަލައިގެ ގަރާރު ހުށަހަޅާފައިވަނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ އެ ޖަލްސާގެ ރިޔާސަތުގައި އަފީފް އިންނަވާ އެ ގަރާރު މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެންނެވެ.

އޭގެފަހުން މިއަދު ހެނދުނު 11:30ގައި ބޭއްވި ދެވަނަ ޖަލްސާގެ ރިޔާސަތުގައި އީވާ އިންނަވައި އޭނާ ނިންމެވީ ހެނދުނު ބޭއްވި ފުރަތަމަ ޖަލްސާގައި އަފީފް ބޭރުކޮށްލި ކަމަށް ނިންމެވި ގަރާރު ވަނީ މަޖިލީހުގެ ނިޒާމުން ބޭރުވެފައި ކަމަށާއި އެ ގަރާރު ދެން އަލުން ހުށަަނާޅަނީސް މަޖިލީހަށް އެޖެންޑާ ނުކުރެވޭނެ ކަމަށެވެ. އެގޮތަށް ނިންމެވުމަށްފަހު އީވާ ވަނީ މިއަދުގެ ދެވަނަ ޖަލްސާ ނިންމާލައްވާފަ އެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ ގަރާރުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ ދެ މެންބަރުން ކަަމަށްވާ އީވާ އާއި އަފީފަށް ނުބެލެހެއްޓޭ ގޮތަށް ކަނޑައަޅައިދިނުމަށް ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް އަބްދުﷲ އެވެ.

އިކްރާމްގެ ހުށަހެޅުން ކޮމިޓީގެ އިއްތިފާގުން ފާސްވުމުން އެކަން މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވާނެ ކަމަށް ކޮމިޓީގެ މުގައްރިރު އަދި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވި އެވެ.