ރައްޔިތުންގެ މަޖިލިސް

ގޮތް ނޭނގޭ ފޯނު ކޯލަކަށްފަހު އަފީފް ޖަލްސާ ނިންމާލައިފި

ގޮތް ނޭނގޭ ފޯނުކޯލަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު މެންބަރުން އަޑުގަދަކުރަމުން ދަނިކޮށް ގޮތް ނޭނގޭ ފޯނުކޯލަކަށް ޖަވާބު ދެއްވުމަށްފަހު ހަސަން އަފީފު ވަނީ މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށް ވިދާޅުވެ މިއަދުގެ ޖަލްސާ ނިންމާލާފަ އެވެ.

މެންބަރުން އަޑުގަދަ ކުރަމުން ދަނިކޮށް އަފީފަށް ފޯނު ކޯލެއް ލިބުމުން ރިޔާސަތުގައި އިންނަވައި ފޯނަށް ޖަވާބު ދެއްވާ "އާދެ. ނިންމާލަނީ. ނިންމާލަނީ" ކަމަށް އަފީފް ވިދާޅުވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށައިގެން ކުރިއަށް ދަނިކޮށް ޕީޕީއެމް ޕީއެންސީގެ މެންބަރުންނާއި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރުން ވަނީ މަޖިލީހުގެ ނިޒާމު ގެއްލުވާލާ ޖަލްސާ ހުއްޓުވާފަ އެވެ.

މަޖިލީހުގެ ހެނދުނު ދަންފަޅީގެ ނިޒާމު އެއްކޮށް ގެއްލިފައި ވަނިކޮށް އެމްޑީއޭގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިިރު ވަނީ ޕާޓީތައް މަޝްވަރާކޮށްގެން މަޖިލިސް ހައްލުތަކެއް ހޯދުމަށްފަހު މަޖިލިސް ޖަލްސާ ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ.

އާމިރުގެ ނިޒާމީ މައްސަލަ ބަލައިގަނެ ރިޔާސަތުގައި އިންނެވި އަފީފް މަޖިލިސް މެދުކަނޑާލުމަށްފަހު އަލުން ފެށީ 11:30 ހާއިރު އެވެ. ނަމަވެސް މެންބަރުން އަޑުގަދަ ކުރަން ފެށުމުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އާމިރު ވަނީ އަނެއްކާވެސް ނިޒާމީ މައްސަލައެއް ނަންގަވާ މަޝްވަރާކޮށްގެން މަޖިލިސް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ.

ރިޔާސަތުން އާމިރުގެ ނިޒާމީ މައްސަލަ ބަލައިގަނެ އަނެއްކާވެސް މަޖިލިސް މެދުކަނޑާލުމަށްފަހު އަލުން މަޖިލިސް ފެށިއިރު ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ބައެއް މެންބަރުން ދިޔައީ އިދާރީ މޭޒު ކައިރީގައި ތިބެ އަޑު އުފުލަމުންނެވެ. މަޖިލިސް ނިންމާލީ އޭރު މެންބަރުން އަޑުގަދަ ކުރަމުން ދަނިކޮށް ލިބުނު ފޯނުކޯލަށްފަހު އެވެ.