LIVE UPDATES

ފަހުވަގުތު ލަނޑު ޖަހައި ލަންކާއިން ނޭޕާލް ބަލިކޮށްފި

Updated:
  • ސްރީލަންކާ 1 ނޭޕާލް 0
  • ލަންކާއިން ލަނޑުޖެހީ އިތުރު ވަގުތުގެ ކުޅުން ނިމެނިކޮށް
  • މުޅި މެޗުގައި ވެސް މޮޅަށް ކުޅުނީ ނޭޕާލް

ސާފު ސުޒުކީ ކަޕް ހުޅުވުމުގެ ގޮތުން ގްރޫޕް އޭގައި ސްރީލަންކާ އާއި ނޭޕާލް މިއަދު ވާދަ ކުރި މެޗް ލަންކާ ކާމިޔާބުކޮށްފި އެވެ. ޓްރެވިންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ނޭޕާލުން މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދި ނަމަވެސް ތަނަވަސްވި ފުރުސަތުތައް ރަނގަޅަށް ނިންމާ ނުލެވުމުގެ ސަބަބުން ލަނޑެއް ކާމިޔާބު ނުކުރެވުމުގެ އިތުރުން ދެ ޓީމުގެ ޖޯޒީ އެއްކުލަވުމުގެ ސަބަބުން ދެޓީމަށް ވެސް ދަތިތަކާ ކުރިމަތިވި އެވެ. ދެވަނަ ހާފުގައި ނޭޕާލް ނުކުމެފައި ވަނީ ޖޯޒީ ނޫކުލައަށް ބަދަލުކޮށްގެނެވެ

ދެވަނަ ހާފުގައި ލަންކާއިން ޓީމް އޯގަނައިޒްކޮށް ނޭޕާލްގެ ކުޅުންތެރިން ރަނގަޅަށް މާކު ކޮށް ކުޅެގަތުމުގެ ނަތީޖާއަކަށްވީ ނޭޕާލް ކުޅުންތެރިން ފަހަތަށް ޖެހި ލަންކާއަށް ފުރުސަތުތައް ތަނަވަސްވަމުން ދިއުމެވެ. ނަމަވެސް ދެޓީމަށް ވެސް ލިބުނު ފުރުސަތުތައް ލަނޑަކަށް ބަދަލު ނުކުރެވި މެޗްުގެ 90 މިނެޓް ނިމި އިތުރު ވަގުތަށް ފަސް މިނެޓް ދީފައި ވަނިކޮށް ލަންކާއިން ލަނޑު ޖެހީ ނޭޕާލް ގޯލް ކުރިމަތިން ހުރަސްވި ބޯޅައެއް ރަނގަޅަށް ސާފުކޮށް ނުލެވި ލަންކާގެ 14 ނަމްބަރު ރިފްނާޒަށް ފުރުސަތު ލިބި އޭނާ ގޯލްތެރެއަށް ބޯޅަ ވައްދާލައިގެނެވެ.