އިސްލާމިކް މިނިސްޓްރީ

ޝައުބާން މަހަށް ހާއްސަ ނަމާދެއް ނުވޭ: ހުތުބާ

ޝައުބާން މަހުގެ 15 ވިލޭރޭ ހަފްލާތައް ބާއްވާ ޖަމާއަތް ހަދައިގެން އެ ރޭ ހާއްސަ ނަމާދެއް ކޮށް ހަދާ ބަޔަކު އުޅޭ ކަމަށާ ނަމަވެސް އެއީ ބިދުއައެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

"ޝައުބާން މަހުގެ ދުވަސްތަކުގައި ހެޔޮ އަމަލުކުރުން ގިނަ ކުރުން" މި މައުލޫއަށް މިއަދު މުޅި ރާއްޖޭގައި އިއްވި ހުކުރު ހުތުބާގައި ބުނެފައިވަނީ ބައެއް މީހުން ޝައުބާން މަހުގެ 15 ވިލޭރޭ ހަފްލާތައް ބާއްވާ ޖަމާއަތް ހަދައިގެން އެ ރޭ ހާއްސަ ނަމާދެއް ކޮށް ހަދާ ކަމަށެވެ. ނަމަވެސް މިއިން އެއްވެސް ކަމަކީ ރަސީޫލާގެ އަރިހުން ސާބިތު ވެގެންވާ ކަމެއް ނޫން ކަމަށެވެ.

އަދި އަސްހާބު ބޭކަލުންނާއި އެބޭކަލުންގެ ފަހުން ވަޑައިގެންނެވި ތާބިއީ ބޭކަލުންވެސް ކުރައްވާފައިވާ ކަމެއް ނޫން ކަމަށެވެ.

އެފަދައިން އަމަލު ކުރުމަކީ ބޮޑުވެގެންވާ ބިދުއައެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ. އަދި ކޮންމެ ބިދުއަކީ މަގު ފުރެދުމެއް ކަމަށާ ކޮންމެ މަގުފުރެދުމެއް ވަނީ ނަކަރާގައި ކަމަށެވެ. އެހެން ކަމުން އެފަދަ ބިދުއަތަކާއި ދުރުވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

މިއަދު ފެށިގެންދިޔަ ޝައުބާން މަހުގެ މާތްކަމާއި ގުޅޭ ގޮތުން ހުތުބާގައި ބުނެފައިވަނީ މިއީ މާތްﷲ ހުރުމަތްތެރި ކުރެއްބި ރަޖަބު މަހާއި ބަރަކާތްތެރިވެގެންވާ ރަމަޟާން މަހާއި ދެމެދުގައިވާ އަދި މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު އެ މަހެއްގެ ދުވަސްތަކާމެދު ޣާފިލުވެފައިވާ މަހެއް ކަމަށެވެ. ޝައުބާން މަހަކީ ހެޔޮ އަމަލުގެ ފަތަށް އިތުރުކޮށްލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށާ އެ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށެވެ.

މި މަހު ކުރަން އޮތް އެންމެ މުހިންމު ކަމަކީ ގިނަ ގިނައިން ރޯދަ ހިފުން ކަަމަށްވެސް ހުތުބާގައި ބުންޏެވެ.