މުހައްމަދު ނާޒިމް

ރާއްޖޭގައި މިންތީގެ ހަމަހަކަމެއް ނެތް: ނާޒިމް

Mar 8, 2022

އަންހެނުން ބާރުވެރިކުރުމާއި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް އެތައް ބަޔަކު ވަކާލާތުކުރަމުންދާއިރު އަންހެނުންނަށް އެ ފުރުސަތުތައް ނުލިބޭ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިފަދައިން ވިދާޅުވެފައި ވަނީ އެމްއެންޕީ އިން ސިލްސިލާކޮށް ބާއްވާ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޭގެ ޖަލްސާ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހަށް ހާއްސަކޮށްފައިވާއިރު، އިސްލާމް ދީނުގައި އަންހެނުންގެ ދަރަޖަ އަކީ މަތިވެރި ދަރަޖައެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.

އަންހެނުން ބާރުވެރިކުރުމާއި މިންތީގެ ހަމަހަމަކަން ހޯދައިދިނުމަށް ވަކާލާތު ކުރާއިރު ރާއްޖޭގައި ސިޔާސީ ދާއިރާ، އިގްތިސޯދީ ދާއިރާ އަދި ޝަރުއީ ދާއިރާފަދަ ދާއިރާތަކުގެ އިސް ސަފުގައި އަންހެނުން ނުފެންނަ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީގެ އެއް ސިޔާސަތަކީ މިންތީގެ ހަމަހަމަކަން ގާއިމްކޮށް، އަންހެނުންނަށް އޮތް ފުރުސަތުތައް ވީހާވެސް ބޮޑަކަށް ފަހިކޮށްދިނުން ކަމަށެވެ. އެއީ ޕާޓީގެ އެއް އަސާސަށްވާއިރު، އެ ޕާޓީގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލީހުގެ 30 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއްވެސް ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކަށް އަންހެނަކު ނެތް. ސަރުކާރުގެ އިސް މަގާމުތަކުގައާއި ސިޔާސީ މައިދާނުގައި ވެސް އަންހެނުން ވަރަށް މަދު. އެކި އެކި ޕާޓީތަކަށް ބަލާއިރު އަންހެނުނަކަށް ގޮތް ނިންމުމުގެ ބާރެއް ނެތް. އަޅުގަނޑު މިދަންނަވަނީ މި ޕާޓީއާ ގުޅިވަޑައިގަންނަވާށޭ. މި ޕާޓީއިން އަންހެނުނަށް އެހުރިހާ ފުރުސަތެއް ލިބޭނެ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އެކިއެކި ދާއިރާތަކުގެ އިސްވެރިންގެ މަގާމުތަކަށް އަންހެނުން ހޮވުމަކީ މުހިންމު ކަމެއް ކަމަށެވެ. ތައުލީމީ ގޮތުން ވެސް އަންހެނުންނަކީ ފިރިހެނުންނަށްވުރެ ކާމިޔާބު ބައެއް ކަމަށާއި، އެ ކާމިޔާބީއާ އަޅާބަލާއިރު އަންހެނުންނަށް ލިބޭ ފުރުސަތުތައް ވަރަށް މަދު ކަމަށެވެ.