އަބްދުއްރަހީމް އަބްދުﷲ

މަޖިލީހުން އެމްއެންޕީއަށް ގޮނޑި ދިނުމާ ގުޅޭ ގޮތުން އެއްޗެއް ނުބުނި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ -- އެމްއެންޕީއަށް ގޮނޑިތަކެއް ދިނުމާ ގުޅޭ ގޮތުން ޕީޕަލްސް ނެޝަނަލް ކޮންގްރެސް -- ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެއްވެސް އެއްޗެއް ވިދާޅެއްނުވި އެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބާއްވާ އިންތިހާބުތަކުގައި އެމްއެންޕީގެ ކެންޑިޑޭޓުން ވާދަކުރާނީ ޕީޕީއެމް-ޕީއެންސީއާ ގުޅިގެން އެއްބަސްވެވޭ ގޮތެއްގެ މަތިން ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމު ވިދާޅުވެފައިވާއިރު، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ އިންތިހާބުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކާނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް-ޕީއެންސީއާ އެކު ކުރިއަށް ދިއުމަށް އެމްއެންޕީން ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރިއިރު ކޯލިޝަން ހެދުމަށް އެމްއެންޕީން އެއްބަސްވަނީ ޝަރުތެއް ނެތިކަމަށް ނާޒިމް ވިދާޅުވިކަން ފާހަގަކުރައްވާފަ އެވެ.

ނަމަވެސް އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް-ޕީއެންސީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް މަޖިލީހުގެ މެޖޯރިޓީ ހޯދުން މުހިންމު ކަމަށެވެ..

"ޕީޕިއެމް ޕީއެންސީ ވެރިކަމަށް އައީ ރައޔްިތުންނަށް ވަރަށް ގިނަ ވައުދުތައް ވެގެން. އެ ވައުދުތައް ފުއްދުމަށް އަޅުގަނޑުމެން ކުރިއަށްދާއިރު މަޖިލީހުގެ މެޖޯރިޓީ ހޯދުން ވަރަށް މުހިންމު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެމްއެންޕީއާއެކު އެއްބަސްވުންތައް ހަދާފައިވާނީ އެކުގައި ކުރިއަށް ދެވޭ ގޮތަށެވެ.

"ހަމަ އެކީގައި މަސައްކަތް ކުރެވޭ ގޮތަށް އެމްއެންޕީ އާއި އަޅުގަނޑުމެންނާ އެކީގައި ކުރިއަށް ދެވޭ ގޮތަށް ވާހަކަތައް ބައްޓަންކޮށްފައި ހުންނާނީ އަދި އަޅުގަނޑުމެންގެ ތެރޭގައި ލިޔެކިޔުމުން އެއްބަސްވުމެއްވިޔަސް އޮންނާނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.