ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

މުއިއްޒު ރަށްތަކަށް ކުރައްވާ ދަތުރުތައް އަލުން ފަށްޓަވައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުތައް އަލުން ފަށްޓަވައިފި އެވެ.

މުއިއްޒުގެ ދަތުރުތައް މިއަދު އަލުން ފެށީ އއ. އަތޮޅުންނެވެ. މުއިއްޒު މާލެއަށް އެނބުރި ވަޑައިގަންނަވަނީ އދ. އަތޮޅުތަކަށްވެސް ވަޑައިގަތުމަށްފަހު އެވެ.

މުއިއްޒުގެ މިދަތުރުގައި މިއަދު ފުރަތަމަ ވަޑައިގަތީ އއ. ބޮޑުފުޅަދޫ އަށެވެ. މީގެއިތުރުން އއ. ފެރިދޫ، އދ. ހަންޏާމީދޫ، އދ. އޮމަދޫ، އދ. ކުނބުރުދޫ، އދ. ދަނގެތި، އދ. ދިގުރަށް، އދ. މަންދޫ، އަދި އދ. ފެންފުށްޓަށްވެސް ވަޑައިގަންނަވާނެ އެވެ.

މިދަތުރުތަކުގައި މުއިއްޒުގެ އަރިހުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމާއި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގާއި، ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަޒުލް ރަޝީދު ބައިވެރިވެވަޑައިގަންނަވަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކޮށް ޑރ. މުހައްމަދު މުއިއްޒު ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވާފަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ދައްކާ ގޮތުން ޑރ. މުއިއްޒަށް 101،635 ވޯޓު ލިބިވަަަޑައިގެންފައިވެ އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހީމް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.