މޯލްޑިވްސް ނޭޝަނަލް ޕާޓީ

މުއިއްޒަށް ތާއީދުކުރަން އެމްއެންޕީ އިން ނިންމައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ އެކު ކުރިއަށް ދިއުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ނިންމައިފި އެވެ.

އެމްއެންޕީ އިން މިގޮތަށް ނިންމީ މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންގެ އަގުލަބިއްޔަތުންނެވެ.

އެމްއެންޕީގެ ބައެއް ބޭފުޅުން މިކަން އަވަސްއަށް ޔަގީންކޮށްދެއްވި ނަމަވެސް އެމްއެންޕީން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް މިރޭގެ ބައްދަލުވުމުގެ ނިންމުންތަކާ ގުޅޭ ބަޔާނެއް ފަހުން ނެރޭނެ ކަމަށް ބުންޏެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމު އެވެ. އިންތިހާބުގައި އޭނާއަށް ލިބިވަޑައިގަތީ 1،907 ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބާ އެކު މުއިއްޒު ވަނީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނާއި ވާދަވެރި ޕާޓީތަކުން އޭނާގެ ކެމްޕޭނާ ގުޅުމަށް ރޭ ދައުވަތު ދެއްވާފަ އެވެ. މުއިއްޒުގެ ދައުވަތަށް އެމްއެންޕީ ފިޔަވާ އަދި އެއްވެސް ޕާޓީއަކުން ގޮތެއް ނުނިންމަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ ތެރެއިން 84،805 ވޯޓެވެ. އެއީ 39.04 ޕަސަންޓެވެ. ވާދަވެރި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 100,342 ވޯޓެވެ. އެއީ 46.19 ޕަސަންޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.