މުހައްމަދު ނާޒިމް

މުއިއްޒާ އެކު ފަސް އަހަރު ސާބިތުވެ ތިބޭނަން: ނާޒިމު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރު އެކުގައި ސާބިތުވެ ތިބޭނެ ކަމުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފި އެވެ.

އެމްއެންޕީ އަކީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް ޕީއެންސީއާ އެކު ކޯލިޝަން ހަދައިގެން އެ ދެ ޕާޓީއާ އެކުގައި މަސައްކަތް ކުރަމުންދާ ހަމައެކަނި ޕާޓީ އެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްއެންޕީގެ ރައީސް ނާޒިމު ވާދަކުރެއްވި ނަމަވެސް އޭނާ ދިޔައީ އަށް ކެންޑިޑޭޓުން ވާދަކުރެއްވި ރޭހުގައި ހަތްވަނަ އަށެވެ. ލިބިވަޑައިގަތީ އެންމެ 1،900 ވޯޓެވެ.

އެމްއެންޕީ އިން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނާޒިމު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް ޕީއެންސީ ހިމެނޭ ކޯލިޝަނާ އެމްއެންޕީ އިން ގުޅުނީ ގައުމަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ގެނެސްދީ އަދުލު އިންސާފު ގާއިމުކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވުމުން ކަމަށެވެ.

"އެހެންވެ އުއްމީދަކީ އާ ސަރުކާރުން ވައުދުވި ކަންކަމަށް އަމަލީ ސިފަ ގެނެސްދިނުން،" ނާޒިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެންޕީ އިން މިވަގުތު މަސައްކަތް ކުރަމުން ދަނީ ޕީޕީއެމް ޕީއެންސީއާ އެކު ކަމަށްވާތީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބާއްވާ އިންތިހާބުތަކުގައިވެސް އެމްއެންޕީގެ ކެންޑިޑޭޓުން ވާދަކުރާނީ ޕީޕީއެމް ޕީއެންސީއާ ގުޅިގެން އެއްބަސްވެވޭ ގޮތެއްގެ މަތިން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް މާލޭގެ މޭޔަރު ހޮވުމުގެ އިންތިހާބާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް އެމްއެންޕީ އިން ވާދަކުރާނީ ޕީޕީއެމް ޕީއެންސީއާ ގުޅިގެން ކަމުގައި ވިދާޅުވި އެވެ.

ނާޒިމު ވަނީ އެމްއެންޕީއަށް ދެ އަހަރު ފުރުމާ ގާތްވެފައިވާތީ މިވީ ކުރު މުއްދަތުގެ ތެރޭގައި އެ ޕާޓީން ސިޔާސީ ގޮތުން ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެމްއެންޕީގެ ކެންޑިޑޭޓުން އިންތިހާބުތަކުގައި ވާދަކުރައްވާނެ ކަމުގައި ނާޒިމު ވިދާޅުވި އެވެ.