މޯލްޑިވްސް ނޭޝަނަލް ޕާޓީ

ޕީޕީއެމް ޕީއެންސީއާ އެކު އެމްއެންޕީން ކޯލިޝަން އެއްބަސްވުމަކަށް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް ޕީއެންސީއާ އެކު ކުރިއަށް ދިއުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޕީޕީއެމް ޕީއެންސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އެމްއެންޕީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމެވެ.

މީރުމާ ހޮޓެލްގައި މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އެމްއެންޕީއާ އެކު ސޮއިކުރި އެއްބަސްވުމުގައި ސަރުކާރުގެ މަގާމުތައް ގޮތްގޮތަށް ބަހާލުމުގެ ވާހަކަ ނޯންނާނެ ކަމަށެވެ. މައިގަނޑު ގޮތެއްގައި ދެ ފަރާތުގެ ވިސްނުންވެސް ހުރީ ގުޅިގެން މަސައްކަތްކޮށް އިންތިހާބު ކާމިޔާބުކުރުމަށްފަހު ގައުމު ސަލާމަތް ކުރުމަށް ކަމަށެވެ.

"ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު މަސައްކަތްކުރުމަށް މައިގަނޑު ގޮތެއްގައި އެއްބަސްވީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ނާޒިމުވެސް ވިދާޅުވީ ކޯލިޝަން އެއްބަސްވުމެއް ހެދީ ޑރ. މުއިއްޒުއާ އެކު ގުޅިގެން ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ޔަގީންކުރެވޭތީ އެއްވެސް ޝަރުތެއް ނެތި ކަމަށެވެ. އެމްއެންޕީއަށް ދޭނެ މަގާމެއް ނިންމަވާނީ ޑރ. މުއިއްޒު ކަމަށާއި މިވަގުތަށް އޮތް އަމާޒަކީ މުއިއްޒަށް އިންތިހާބު ކާމިޔާބުކޮށްދިނުން ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ ޑރ. މުއިއްޒު ވިދާޅުވުމުން އެކަމަށް އެހީތެރިވެ ދޭން ތައްޔާރަށް،" ނާޒިމު ވިދާޅުވި އެވެެ.

ނާޒިމު ގެއިން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ ނާޒިމު ފްރޭމުކޮށް އޭނާ 11 އަހަރަށް ޖަލަށްލީ ޕީޕީއެމް ޕީއެންސީގެ އެންމެ އިސް ލީޑަރުގެ ގޮތުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނާޒިމު ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށެވެ. އޭގެފަހުން ނާޒިމު މިނިވަންވުމަށްފަހު އޭނާ ވަނީ ރައީސް ޔާމީނާ އެކު ދުވަހަކުވެސް މަސައްކަތް ނުކުރައްވާނެ ކަމަށް ކުރިން ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން ނޫސްވެރިން އަމާޒުކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނާޒިމު ވިދާޅުވީ މާޒީގައި ހިނގާފައި އޮތް ކަމަކަށް ބަލައިގެން މުސްތަގުބަލަށް ދެން ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ބަލަނީ މުސްތަގުބަލު އުޖާލާކުރަން. މަސައްކަތް ކުރަނީ ރައްޔިތުންނަށް އުޖާލާ ޒަމާނެއް ގެނެސްދޭން،" ނާޒިމު ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރެއްވިއިރު 1،907 ވޯޓު ހޯއްދަވައިގެން ނާޒިމަށް ލިބިވަޑައިގަތީ ހަތްވަނަ އަށެވެ.