މާލޭގެ ރައްޔިތުންނަށް ހުޅުމާލެ އިން ދޫކުރާނެ ކަމަށް ސަރުކާރުން އިއުލާނު ކޮށްފައިވާ 1،000 ގޯތި ވިއްކަން ނިންމާފައިނުވާ ކަމަށާ މާލެ ސަރަހަައްދުން ގޯތި ދޭނީ ހިލޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން މިހެން ބުނެފައިވަނީ މާލޭގެ ރައްޔިތުންނަށް ހުޅުމާލެ އިން ދޫކުރާނެ ކަމަށް ސަރުކާރުން އިއުލާނު ކޮށްފައިވާ 1،000 ގޯތި ހިލޭ ދެއްވުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުއްވެވި ސިޓީއަށް ދެއްވެވި ޖަވާބުގައެވެ.
ރައީސް އޮފީހުގެ ޕޮލިސީ ސެކްޓްރީ ސޮއިކުރައްވާ މުއިއްޒުއަށް ފޮނުއްވެވި އެ ސިޓީގައި ބުނެފައިވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި އަދި ގުޅީފަޅުން މަދުވެގެން 2000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައި އެ ބިމުންވެސް ގޯތި ދިނުމަށް ނިންމަވައި އެކަން ރައީސުލްޖުމްހުރިއްޔާ އިއުލާން ކުރައްވާފައިވާ ކަމަށެވެ. އަދި އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް ދައުރު ނިމުމުގެ ކުރިން ގޯތީގެ ފަތް ހަވާލު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ވިދާޅުވިއިރު ގޯތި ވިއްކުމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނުގައި ހިމެނިފައި ނުވާނެ ކަމަށެވެ.
ހުޅުމާލެއިން ގޯތި ދޫކުރުމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ހުށަހަޅުއްވާފައިވާ ކަންކަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ސަމާލު ކަމަށް ގެނެވިފައިވާ ކަމަށްވެސް އެ ސިޓީގައި ބުނެފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިދިޔަ މަހުގެ ތިންވަނަ ދުވަހު މަޖިލީހުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ހިއްސާކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގައި މާލޭގެ ރައްޔިތުންނަށް އޮތް ދައްޗާއި ތަކުލީފް ވަނީ އޭގެ "ލާނިހާޔަތުގައި" ކަމަށެވެ. މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާ ގުޅޭގޮތުން ކުރެވުނު ކަންތައްތަކަށްވުރެ ގިނަ ވާހަކަ ދެއްކެވޭކަމުގެ އިހްސާސް އަބަދުވެސް ކުރެއްވޭ ކަމުގައިވެސް ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިދިޔަ އަހަރު މިތާހުރެ ދެންނެވި 5,000 ހައުސިން ޔުނިޓުގެ މަސައްކަތް ހުޅުމާލޭގައި ކުރިއަށްދާ ވާހަކަ. އަދި އިތުރު 2,000 ހައުސިން ޔުނިޓުގެ މަސައްކަތް ހުޅުމާލޭގައި ފެށޭނެ ވާހަކަ." މާލޭގެ ރައްޔިތުންނަށް ހާއްސަ ކުރާ ހައުސިން ޔުނިޓްތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށްވެސް އެމަނިކުފާނުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯތި، ގުޅީފަޅުން މަދުވެގެން 2,000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައި، އެ ބިމުންވެސް މަދުވެގެން 2,000 ގޯތި، މާލޭ ރަށްވެހިންނަށް ދޭނޭ ކަމުގައި އިއުލާންކުރެއްވެވި އެވެ. ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖު "އެދާގޮތަށްގޮސް ގުޅުވައިލެވޭ ތަނަކަށް" ވާނެ ކަމަށާއި މިއަހަރުގެ ޖޫން މަހު މާލޭގެ ރައްޔިތުންނާ އެކު އެ މަސައްކަތް ފަށާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ރިޔާސީ މި ދައުރު ނިންމާނީ، އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު. ދިވެހި ދައުލަތުގެ ހިޔާވަހިކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ. ބޭނުންވަނީ އެކުގައި އެއް އަމާޒެއްގައި ތިބެ، އެ މަންޒިލަށް ވާސިލުވުން." ރައީސް ވިދާޅުވި އެވެ.