ހިޔާ މަޝްރޫއު

ހިޔާގެ ކުލި ކުޑަކޮށް ދެވެން ނެތް ކަމަށް އަންގައިފި: މޭޔަރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރެވެން ނެތް ކަމަށް ސަރުކާރުން އަންގާފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ހިޔާ ފްލެޓެއް ކުއްޔަށް ދޭން ކަނޑައެޅީ މަހަަކަށް 6،600 ރުފިޔާ އަށެވެ. މި ސަރުކާރުން އެ ކުލި 11،000 އަށް ބޮޑުކުރުމަށް ފަހު ފާޑުކިޔުންތައް މާބޮޑަށް އަމާޒުވުމުން ކުލީގެ ގޮތުގައި ފަހުން ކަނޑައެޅި 7،500 ރުފިޔާ އެވެ. އަދި މެއިންޓެނަސް ފީގެ ގޮތުގައި 1،000 ރުފިޔާ ދައްކަން ޖެހެއެވެ.

އެ އަގު ކުޑަކޮށްދޭން ސިޓީ ކައުންސިލުން ވަނީ ތަކުރާރުކޮށް ސަރުކާރުގައި އެދިފައެވެ. އަދި ރަސްމީކޮށް ލިޔެކިޔުމުންވެސް އެކަމަށް އެދިފައިވެއެވެ.

މޭޔަރު މުއިއްޒު އަވަސްއަށް ވިދާޅުވީ ހިޔާގެ ކުލި ކުޑަކޮށްދެެވެން ނެތް ކަމަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ. އަދި ކުލި ނުދައްކާ ތިބެވޭ މުއްދަތު އިތުރު ކޮށްދެވެން ނެތް ކަމަށްވެސް އަންގާފައިވާ ކަމަށެވެ.

މިއީ ރައްޔިތުންނަށް ސަރުކާރުން ދިން ވަރަށް ބޮޑު އަނިޔާއެއްގެ ގޮތުގައި ސިފަކޮށް ކުލި ކުޑަކޮށްދީގެން ލިބޭނެ ގެއްލުމެއް ނެތް ކަމަށް މުއިއްޒު މިއަދުވެސް ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 7،000 ފްލެޓުގެ 16 ޓަވަރު އިމާރާތް ކޮށްފަ އެވެ. އޭގެ ތެރެއިން 6،720 ފްލެޓް މީހުން ދިރިއުޅުމަށް ދޫކޮށްފައިވެ އެވެ.

ގްރޭސް ޕީރިއެޑް އިތުރު ނުކޮށްފިނަމަ، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން އަންނަ މަހުން ފެށިގެން ކުލީގެ ގޮތުގައި 8،500 ރުފިޔާ ދައްކަން ޖެހޭނެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ކުލި ނުދައްކާ އުޅެވޭ ދުވަސްތައް -- ގްރޭސް ޕީރިއެޑް-- އިތުރުކުރުމާ މެދު ހިޔާ ފްލެޓްތަކުގެ ގްރޭސް ޕީރިއަޑް އިތުރުކުރުމާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓްރީއާއިއެކު އެޗްޑީސީން ދަަނީ މަޝްވަރާ ކުރަމުންނެވެ. ނަމަވެސް އަދި ވަކިގޮތެއް ނުނިންމާ ކަމަށް އެޗްޑީސީން އިއްޔެ ބުންޏެވެ.

ހިޔާ ފްލެޓްތަކަށް ފެނާއި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދީ، އެތަނުގެ ގްރޭސް ޕީރިއެޑް ގުނަން ފަށާފައިވަނީ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު އެވެ.