ޔޫކްރޭން މައްސަލާގައި ރާއްޖޭގެ ވިސްނުން ވަރަށް ސާފު ކަމަށާ ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެފައި ވަނީ ކޮންމެ ގައުމެއްގެ ވެސް މިނިވަން ކަމާއި ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތުމުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންނާއި މުހާތަބު ކުރައްވާ މިރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވަނީ ރަޝިޔާ-ޔޫކްރޭން ހަނގުރާމަ އާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. ރައީސް ވިދާޅުވީ ރަޝިޔާއިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގެ ލޮޅުންތައް މުޅި ދުނިޔެ ހުއްޓުމަކަށް ގެންނަމުންދާ ކަމަށެވެ.
ރަޝިއާއިން ޔޫކްރޭއިނަށް އަރައިގަތުން ކުށްވެރިކޮށް ހަނގުރާމަ ވަގުތުން ހުއްޓާލައި ޔޫކްރެއިނުން ފޭބުމަށް މި މަހުގެ ދެ ވަނަ ދުވަހު އދ. ގެ އާންމު މަޖިލީހުގައި 141 ގައުމުން ގޮވައިލި ގޮވައިލުމުގައި ބައިވެރިވެ ދިވެހިރާއްޖެ ވަނީ ކުދި އަދި ނިސްބަތުން ބާރު ދަށް ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް ރާއްޖެއިން އުފުލަމުން އަންނަ އަޑު އަނެއްކާވެސް ތަކުރާރުކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ.
"ރަޝިޔާއިން ޔޫކްރޭންގައި ކުރަމުންދާ ނުރައްކާތެރި ހަނގުރާމައިގެ ލޮޅުންތައް އެ ދަނީ މުޅި ދުނިޔެއަށް ހުއްޓުން އަރުވަމުން. ހަނގުރާމަ ހިނގަމުން އެ ދަނީ ރާއްޖެއާ އެތައް މޭލެއްގެ ދުރުން ވިލާތުގެ ބައްރުގައި. އެހެން ނަމަވެސް މި ހަނގުރާމައިން އުފެދޭ އިގްތިސާދީ ލޮޅުންތައް ދުރާ ގާތުގައިވާ ހުރިހާ ގައުމަކަށް އެބަ ފޯރާ. އެކަމުގެ ލޮޅުންތައް ރާއްޖެއަށްވެސް ފޯރަން ފަށައިފި. ރަޝިޔާ އާއި ޔޫކްރޭން އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމު. އެހެން ކަމުން ރާއްޖޭގެ އިގްތިސާދަށްވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެ،"
ޔޫކްރޭން މައްސަލާގައި ރާއްޖޭގެ ވިސްނުން ވަރަށް ސާފު. ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެފައިވަނީ ކޮންމެ ގައުމެއްގެވެސް މިނިވަން ކަމާއި ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތުމުގެ މައްޗަށް. މިއީ އދ ގެ ޗާޓަރުގައި ކަޅާ ހުދުން ކަނޑާނެގިފައިވާ ބައިނަލްއަގްވާމީ ގުޅުންތަކުގެ ބިންގާ. ކުޑަ ޖަޒީރާ ގައުމެއްގެ ގޮތުގައި އޮވެ އަޅުގަނޑުމެން ޒަމާނުއްސުރެ ވަކާލާތު ކުރަމުން މި އަންނަނީ އެ ބިންގަލުގެ މަތީގައި ބައިނަލްއަގްވާމީ ގުޅުންތައް ދަމަހައްޓަން. މިއީ އަޅުގަނޑުމެން ގަބޫލުކުރާ ހަމައިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ
ރައީސް ވިދާޅުވީ މިއީ ޔޫކްރެއިންގެ ރައްޔިތުންނަށް ވަރަށް ހިތްދަތި ވަގުތުތަކެއް ކަމަށާ އެމީހުންނަށް ލިބެމުންދާ އަނިޔާތަކާމެދު ހަމްދަރުދީވެ ވަޑައިގަންނަވާ ކަމަށެވެ. ދެ ފަރާތުގެ މެދުގައި ހުރި ދެބަސްވުންތަކަށް ހައްލެއް ހޯދުމަށްޓަކައި ދެ ފަރާތުންވެސް މަޝްވަރާގެ މޭޒުދޮށަށް އެނބުރި އައުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ގޮވައިލާ ގޮވައިލުން ދިވެހިރާއްޖެއިންވެސް ތަކުރާރު ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ހަނގުރާމަ ކޮންމެވެސް ދުވަހަކުން ކޮންމެ ގޮތަކަށް ނިމުނަސް ޔޫކްރެއިން މިހާރު އޮތް ހާލަތުން އަރައިގަތުމަށް އަހަރުތަކެއް ނަގާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މި ހަނގުރާމައިން ދުނިޔޭގެ އިގްތިސާދަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށްވެސް އެހާ ދުވަސް ނަގާނެ ކަމަށާ އެހެންކަމުން ޔޫކްރެއިން މައްސަލައާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން އަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ކަމަށް ވިދާޅުވިއެވެ.
"އެއް ކަމަކީ މި ހަނގުރާމައިގެ އަސަރުކުރާނެ ކަމަށް ބެލެވޭ ސަރަޙައްދުތަކުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން މިވަގުތު ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ގެނައުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް ގެންދިޔުން. އަނެއް ކަމަކީ ޔޫކްރެއިނުން އެނބުރި އައި ދިވެހި ދަރިވަރުންނަށް އަލުން އެ ގައުމަށް ދެވޭނެ ދުވަހެއް ޔަގީން ނުވާތީ އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރެވޭނެ ގޮތެއް ހޯދައިދިނުން. އެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން ގުޅިގެން މިހާރު އަންނަނީ ކުރަމުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަޝިޔާ-ޔޫކްރޭން ހަނގުރާމަ ދިގުދެމިގެން ގޮސް އެންމެ ގޯސް ހާލަތަކަށް ކަންތައް ހިނގައްޖެނަމަ ރާއްޖޭގެ އިގްތިސާދަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތަކުގެ އަންދާޒާއެއް ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސުން އަންނަނީ ފިޔަވަޅުތައް އަޅަމުން ކަމަށެވެ. އަދި ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލުތައް ދިރާސާކޮށް ފަތުރުވެރިކަމަށް އިތުރު މާކެޓްތައް ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓޫރިޒަމާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން މިހާރު ކުރަމުން އަންނަ ކަމަށެވެ.