ޔޫކްރެއިނުން އެނބުރި އައި ދިވެހި ދަރިވަރުންނަށް އަލުން އެ ގައުމަށް ދެވޭނެ ދުވަހެއް ޔަގީން ނުވާތީ އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ސަރުކާރުގެ ފަރާތުން މިކަން ހާމަކޮށްފައިވަނީ ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވަނީ ރަޝިޔާ-ޔޫކްރޭން ހަނގުރާމަ އާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. ރައީސް ވިދާޅުވީ ރަޝިޔާއިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގެ ލޮޅުންތައް މުޅި ދުނިޔެ ހުއްޓުމަކަށް ގެންނަމުންދާ ކަމަށެވެ.
ޔޫކްރެއިން މައްސަލައާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން އަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލުވެސް ދެއްވިއެވެ.
"އެއް ކަމަކީ މި ހަނގުރާމައިގެ އަސަރުކުރާނެ ކަމަށް ބެލެވޭ ސަރަޙައްދުތަކުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން މިވަގުތު ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ގެނައުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް ގެންދިޔުން. އަނެއް ކަމަކީ ޔޫކްރެއިނުން އެނބުރި އައި ދިވެހި ދަރިވަރުންނަށް އަލުން އެ ގައުމަށް ދެވޭނެ ދުވަހެއް ޔަގީން ނުވާތީ އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރެވޭނެ ގޮތެއް ހޯދައިދިނުން. އެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން ގުޅިގެން މިހާރު އަންނަނީ ކުރަމުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަޝިޔާ-ޔޫކްރޭން ހަނގުރާމަ ދިގުދެމިގެން ގޮސް އެންމެ ގޯސް ހާލަތަކަށް ކަންތައް ހިނގައްޖެނަމަ ރާއްޖޭގެ އިގްތިސާދަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތަކުގެ އަންދާޒާއެއް ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސުން އަންނަނީ ފިޔަވަޅުތައް އަޅަމުން ކަމަށެވެ. އަދި ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލުތައް ދިރާސާކޮށް ފަތުރުވެރިކަމަށް އިތުރު މާކެޓްތައް ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓޫރިޒަމާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން މިހާރު ކުރަމުން އަންނަ ކަމަށެވެ.