ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ޔުކްރޭނުން އައި ކުދިންނާއި މިނިސްޓަރު ބައްދަލުކުރައްވައިފި

ޔުކްރޭން އާއި ރަޝިއާއާ ދެމެދު ފަށާފައިވާ ހަނގުރާމައާއި ގުޅިގެން ޔުކްރޭންގައި ކިޔަވަން ތިބި ދަރިވަރުންގެ ތެރެއިން ރާއްޖެ އައިސްފައިވާ ދިވެހި ދަރިވަރުންނާއި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ބައްދަލުކުރައްވައިފި އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދަރިވަރުންނާއި ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ މިނިސްޓްރީން އެންމެ ބޮޑު އަހަމިއްޔަތުކަންދޭ ކަމަކީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއާއި ސަރުކާރުގެ ވުޒާރާތަކުން ދަރިވަރުން ރާއްޖެ ގެނައުމަށް ދިން އެހީތެރިކަމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި ދަރިވަރުން ވެސް ވަނީ މިނިސްޓްރީން އެ ދަރިވަރުންނަށް ވެދިން އެހީތެރިކަމަށް ޝުކުރުއަދާކޮށްފަ އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ޔުކްރޭންގައި ތިބި ދަރިވަރުން ރާއްޖެ ގެނައުމަށްޓަކައި ފޯރުކޮށްދޭންޖެހޭ މާލީ އެހީތެރިކަން ހުރިހާ ދަރިވަރުންނަށް ފޯރުކޮށްދީފަ އެވެ.

ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދޭން ފެށިއިރު އެ ގައުމުގައި 51 ދަރިވަރުން ތިއްބެވެ. އޭގެ ތެރެއިން 30 ދަރިވަރުން ހަނގުރާމަ ފެށުމުގެ ކުރިން ރާއްޖެ ވަނީ އައިސްފަ އެވެ. ބާކީ ތިބި 21 ދަރިވަރުންގެ ތެރެއިން 15 ދަރިވަރުން ހޯމަ ދުވަހު ރާއްޖެ ވަނީ އައިސްފަ އެވެ. އަދި ބާކީ ތިބި 6 ދަރިވަރުންނާއި އާއިލާ މާދަމާ ރާއްޖެ އަންނާނެ އެވެ. މާދަމާ ރާއްޖެ އަންނަ ދަރިވަރުންނާ ވެސް މިނިސްޓަރު އިބްރާހިމް ހަސަން ބައްދަލުކުރައްވަން ނިންމަވާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.