ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ވިހެއި އެއްމާބަނޑު ދެ ކުދިން މަރުވެއްޖެ އެވެ.
ތިނަދޫގައި ހުންނަ ހުވަދު އަތޮޅުގެ އެންމެ ބޮޑު ހޮސްޕިޓަލްގައި ދުވަސް ނުފުރާ ވިހެއި މި ދެ ކުދިން މަރުވީ އިއްޔެގެ ވަގުތެއްގަ އެވެ.
ހޮސްޕިޓަލުން މިއަދު އަވަސް އަށް މައުލޫމާތު ދިން ގޮތުގައި އިއްޔެ މެންދުރެއްހާއިރު ވިހެއި ފުރަތަމަ ކުއްޖާ އުފަންވި އިރުވެސް އޮތީ މަރުވެފަ އެވެ. އަދި ދެވަނަ ކުއްޖާ އިއްޔެ އިރުއޮއްސެނިކޮށް މަރުވީ އެންއައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. ކުދިންގެ މަންމަގެ ހާލު ރަނގަޅެވެ.
ދެވަނަ ކުއްޖާ މަރުވީ އެފަދަ ކުދިންނަށް ފަރުވާ ދެވޭނެ ވަސީލަތްތައް ހޮސްޕިޓަލްގައި ނެތުމުން އެ ކުއްޖާ އިތުރު ފަރުވާ އަށް މާލެ ގެނައުމަށް ތައްޔާރުވަމުން ދަނިކޮށެވެ.
ތިނަދޫގައި މިވަގުތު ހޭނައްތާ ޑޮކްޓަރަކު ވެސް ނެތެވެ. އެހެންވެ އިއްޔެ އެއްމާބަނޑު ދެކުދިން ވިހެއި މީހާ ވިހެއުމުގެ ކަންކަމުގައި ބައިވެރިވުމަށް ގއ. ވިލިނގިލި ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން ދިޔަ ހޭނައްތާ ޑޮކްޓަރު ތިނަދޫ އަށް ދިއުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާ ދިއުމުގެ ކުރިން އަންހެން މީހާ ވަނީ ވިހާފަ އެވެ.
ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބައެއް ދާއިރާތަކުގެ ސްޕެޝަލިސްޓް ޑޮކްޓަރުން ނެތުމުން މަޖިލީހުގައި ތިނަދޫ ތަމްސީލް ކުރާ ދެ މެންބަރުން މީގެކުރިން ވަނީ މަޖިލީހުގައި އެ މައްސަލަ ފެންމަތިކޮށްފަ އެވެ. އެކަމާ ގުޅިގެން ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މީގެކުރިން ވިދާޅުވީ ތިނަދޫ އަށް ފޮނުވާ ސްޕެޝަލިޓުން ފިލަނީ ކަމަށާއި އެ ހޮސްޕިޓަލަށް ބޭނުންވާ ސްޕެޝަލިސްޓުން ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށެވެ.