މިނިސްޓްރީ އޮފް ހެލްތު

ތިނަދޫގައި ކީމޯތެރަޕީގެ ހިދުމަތް ފަށައިފި

ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު (އޭއެސްއެމްއެޗް)ގައި ކީމޯތެރަޕީގެ ހިދުމަތް ފަށައިފި އެވެ.

ކެންސަރު ބަލި ތަހައްމަލު ކުރާ މީހުންނަށް ދޭ ކީމޯތެރަޕީގެ ހިދުމަތް އެ ހޮސްޕިޓަލުގައި ފެށީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނި ގޮތުގައި އެ ހޮސްޕިޓަލުން ކީމޯތެރަޕީގެ ހިދުމަތް ފެށިގެން ދިއުމަކީ ހުވަދު އަތޮޅުގައި މިފަރުވާ ހޯދުމަށް އާއިލާތަކުން ކުރާ ހޭދަ އަދި ވަގުތުގެ އިތުރުން އުފުލަން ޖެހޭ ތަކުލީފުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމެކެވެ.

ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނު ކުރަމުން އަންނަ ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު މިދިޔަ ހަފުތާގައި ވަނީ ލެޕްރޯސްކޮޕިކް ސާޖަރީގެ ހިދުމަތް ފަށާފަ އެވެ.

ލެޕްރޯސްކޮޕިކް ސާޖަރީއަކީ ބަނޑު ކަފާލުމުގެ ބަދަލުގައި ބަނޑުގައި ކުދި ލޯވަޅުތަކެއް އަޅައިގެން ކުރާ ސާޖަރީ އެކެވެ. ކެމެރާއާއި ކުދިކުދި ތަފާތު އާލާތްތަކެއް ބޭނުންކޮށްގެން ހަދާ މިފަދަ ސާޖަރީތަކާ ގުޅިގެން ބަލިމީހާ އުފުލަންޖެހޭ ވޭން ކުޑަވެ ފަސޭހަވުން އަވަސްވެ އެވެެ.